ކޮރޯނާވައިރަސް ހުއްޓުވުމުގެ ގޮތުން އިންޑިއާއިން ގައުމު ފުރަބަންދު ކުރުމުން ފިލްމު އިންޑަސްޓްރީގައި ދުވަހު މުސާރައަށް މަސައްކަތް ކުރަމުންދާ އެތައް ހާސް މަސައްކަތު މީހުންނަށް އާމުދަނީ ލިބޭ ދޮރު ބަންދުވެގެން ހިނގައްޖެއެވެ.
އެ މަސައްކަތު މީހުންނަށް މާލީއެހީތެރިކަން ފޯރުކޮށްދޭން ކުރިއަށް ނިކުތް ތަނަވަސް ފިލްމީ ތަރިންގެ އެންމެ ކުރީސަފުގައި ހުރީ ސަލްމާން ޚާނެވެ.
ސަލްމާން ޚާން ބުނި ގޮތުގައި އިންޑަސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން 25،000 ހާސް މީހުންނަށް އޭނާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ސަލްމާންގެ ބައްޕަ ސަލީމް ޚާން ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އޭނާގެ ސަލާމަތީކަންތައްތައް ބަލަހައްޓާ މީހުންނަށާއި ގޭގެ އެކިއެކި ޚިދުމަތިގައި އުޅޭ މީހުންނަށް ވެސް ދީލަތިކަން ފޯރުކޮށްދޭ މީހެކެވެ.
ސަލީމް ބުނި ގޮތުގައި އޭނާގެ ތިން ފިރިހެންދަރިން، އަރުބާޒު، ސުހައިލު، ސަލްމާނު ގުޅިގެން ހިންގާ ފިލްމު ކުންފުނީގެ މުއައްޒިފުންނަށް މުސާރަ ދިނުމުގެ އިތުރަށް އެހެނިހެން އިނާޔަތްތައް ވެސް ދެމުންގެންދެއެވެ.
އަރުބާޒު ބުނިގޮތުގައި ކުންފުނީގެ އެންމެން ވެސް ބޭރުތެރެއަށް ނުގޮސް ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.
"އެމީހުންނަށް ބޭނުންވާނޭ ޒުރޫރީކަންތައްތަކާމެދު އަޅުގަނޑުމެން ޚިޔާލުކުރާނަން." އަރުބާޒު ބުންޏެވެ.
ސަލްމާން ޚާނަކީ އެހީފޯރުކޮށްދިނުމުގެ ކަންތައްތަކުގައި އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދޭ ތަރިއެކެވެ. ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންގެ ބޭސްފަރުވާއަށް އޭނާ ކޮންމެ މަހަކު ފަސްލައްކަ ރުފިޔާ ހަދިޔާކުރެއެވެ.
ސަލްމާނަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މުއްސަނދި ތަރިންގެތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ ވަރަށް ގިނަ ފިލްމުތަކަށް ވަނީ އެތައް ސަތޭކަ މިލިއަން ރުޕީސްގެ ފައިދާ ލިބިފައެވެ. ފަހަކަށް އައިސް އޭނާގެ ފިލްމުތައް އަޅުވަނީ ފިޠުރު ޢީދާ ދިމާކޮށެވެ. އެއިން ކޮންމެ ފިލްމެއް އަޅުވާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 100 މިލިއަންރުފިޔާ ލިބެއެވެ.
ކޮރޯނާވައިރަހުން ލިބޭ ގެއްލުމަށް އެހީހޯދުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އުފެއްދި ފަންޑަށް ސަލްމާން ޚާނުގެ އިތުރަށް އަކްޝޭ ކުމާރު، ވަރުން ދަވަން، ކަރަން ޖޯހަރު، ބޫޝަން ކުމާރުގެ އިތުރަށް ވަރަށް ގިނަ އެހެން ތަރިން ވެސް ފައިސާ ޖަމާކޮށްދީފައިވެއެވެ.