Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ކޮވިޑް ފެނިފައިނުވަނީ އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: އުތުރު ކޮރެޔާ

ކޮރޯނާވައިރަސް ޖެހިފައިވާ އެންމެ މީހަކު ވެސް ނެތްކަމުގައި އުތުރު ކޮރެއާއިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ދުނިޔޭގެ މީޑިއާތަކުން ހާމަކުރާގޮތުގައި އެ ގައުމުގައި ކޮރޯނާވައިރަސްއަށް މިހާތަނަށް އެއްވެސް މީހަކު ފައްސިނުވީ އެގައުން އެޅި ރައްކާތެރި ފިޔަވަޅުތަކާއި ގެންގުޅުނު ހަރުދަނާ އަދި ހަރުކަށި ސިޔާސަތުގެ ސަބަބުންނެވެ.

އުތުރު ކޮރެއާގެ ސިއްހީ ދާއިރާގެ އިސްބޭފުޅެއްކަމުގައިވާ މިޔޫ ވިންގް ސޯ ވިދާޅުވިގޮތުގައި ބަލިން ގައުމު ރައްކާތެރި ކުރެވުނީ އިމަޖެންސީ ހިންގައި ގައުމަށް އެތެރެވާ ކޮންމެ މީހަކު ސްކްރީންކޮށް ބަލައި ކަރަންޓީނު ކުރުމުގެ ސަބަބުންނެވެ.

އުތުރުކޮރެއާގެ ލީޑަރ ކިމް ޖޮންގ އުންއަކީ ގައުމީ ކަންތައްތަކުގައި ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާކަމަށް މަޝްހޫރު ބޭފުޅެކެވެ.

ދުނިޔޭގެ ގައުމުތަކުން ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވާން ހަނގުރާމަކުރަމުން ދިޔައިރު، މިދިޔަ މާޗު މަހުގެ ފަހުކޮޅު އުތުރުކޮރެއާއިން ބެލެސްޓިކް ދެ މިސައިލް ޓެސްޓްކޮށްފައިވާކަމުގައި ދެކުނު ކޮރެއާ އާއި ޖަޕާނުން ވަނީ ބުނެފައެވެ.

އުތުރުކޮރެއާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ނެތޭ ބުނުމުން ވަރަށް ގިނަ ގައުމުތަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. އަވަށްޓެރި ޗައިނާގައި ބަލިފެތުރުނު ގޮތާއި ދެކުނު ކޮރެއާގައި ވައިރަސް ފެތުރެމުން ދިޔަ ގޮތަށް ބަލާއިރު ސަރަހައްދު ހުރަސްކޮށް އުތުރު ކޮރެއާއަށް ވައިރަސް ނުދާންވީ ސަބަބެއް ނެތްކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނެފައިވެއެވެ.

ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އުތުރު ކޮރެއާއަކީ ކޮރޯނާވައިރަސް ފެތުރުމުގެ ކުރީން ވެސް ދުނިޔެއާ ވަރަށް އެކަހެރި ގައުމަކަށްވެފައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން ގައުމު ފުރަބަންދުކޮށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރަން ފެށުމުން ބަލި ކޮންޓްރޯލު ކުރުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.

ރަޝިޔާއިން އުތުރު ކޮރެއާއަށް ކޮރޯނާވައިރަސް ޓެސްޓު ކުރުމަށް ބޭނުންވާ ތަކެތި ވަނީ ހަދިޔާކޮށްފައެވެ.