Last Updated: April 24, 22:15
Wednesday, April 24, 2024
ރިޕޯޓް

ކޮވިޑް-19: ފެނަކައިގެ މަސައްކަތަށް ސާބަސް!

ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފެނަކައިގެ މުވައްޒަފުން: ފޮޓޯ / ފެނަކަ

ހަނދާނަށް އަންނަނީ 2014 މާލެ ފެނަށް ޖެހުނު ހަނދާނެވެ. އޭރު އެކަން ވެގެން ދިޔައީ މާލެއަށް އެކަނި ދިމާވި ކަމަކަށްވީ ނަމަވެސް ގައުމީ ބޮޑު ކާރިސާއަކަށެވެ. އަމިއްލަ އިސްނެގުމާއި އެކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިޔައީ މާލޭގެ ރައްޔިތުންނަށް ފެން ފޯރު ކޮށްދިނުމުގައި ނަމޫނާ ދައްކަމުންނެވެ. އޭގެތެރެއިން ވެސް ފާހަގަކޮށްލެވޭ ކުންފުނިތަކެއްވެއެވެ. ނަމަވެސް މިއީ އޭރުގެ ހަނދާންތައް އާ ކުރަންވީ ވަގުތެއް ނޫނެވެ. އޭރު ދިމާވި ކާރިސާގައި މާލޭގެ ރައްޔިތުންނަށް ދިމާވި ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ކުންފުނިތަކުން ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރާއިރު މިއަދު ކުރިމަތިވެފައި މިވަނީ ބޮޑުވެގެންވާ ބަލިމަޑުކަމަކާއެވެ.

ފަހުގެ ތާރީހެއްގައި މުޅި ދުނިޔެ އެކީ އެކަށް ސިއްސުވާލި ކޮވިޑް-19 ވައިރަސް މިއަދު މިވަނީ ދިވެހިރާއްޖެއަށް ވެސް ފޯރާފައެވެ. ސަލާމަތުގެ އައްސޭރިއަކަށް އޮތީ އެންމެން އެއްބާރުލުން ދީގެންނެވެ. ހާއްސަކޮށް ރައްޔިތުންނެވެ. އެއާއެކުގައި ވަސީލަތްތައް ހުރި ފަރާތްތަކުން ސަރުކާރަށް އެހީވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެކެވެ. ހާއްސަކޮށް ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރާ ހުރިހާ މަސައްކަތެއްގައި އެންމެ ފުރަތަމަ ނިކުންނަން ޖެހޭނެ އެއް ބަޔަކަށް ސަރުކާރުގެ ކުންފުނިތައް ވާންޖެހޭނެއެވެ.

މިއަދު ކުރާ ކޮންމެ މަސައްކަތަކީ ދިވެހި ތާރީހުގައި ލިޔެވިގެން ދާނެ ވާހަކަތަކެކެވެ. ފަހަރުގައި ކޮންމެވެސް ހިސާބަކުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށްވީ ނަމަވެސް އަންނަން އޮތް ޖީލަށް މި ޖީލުގެ ވެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުން ކުރި މަސައްކަތް ހާމަވުމަކީ ވެސް ނެތް ކަމެއް ނޫނެވެ.

ސަރުކާރުން އަންނަނީ މި ދެންނެވި ކޮވިޑް19 ރޯގާއިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކާއި ވެރިރަށް މާލެ އަދި މާލެ ކައިރި ސަރަހައްދުތަކުގައި މިކަމަށް ފަރުވާ ދޭނެ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި ސަރުކާރުގެ ކުންފުނިތައް ބައިވެރިވަމުން އަންނައިރު ފެނަކަ ކޯޕަރޭޝަންގެ ނަން ފަވާލަން ޖެހެއެވެ.

ކުންފުނީގެ އެންމެ މަތީ ފަންތިން ފެށިގެން ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުން އަންނަނީ މި މަސައްކަތުގައި ބައިވެރިވަމުންނެވެ.

ފެނަކައިން އަންނަނީ ހުޅުމާލޭގައި ގާއިމްކުރާ 300 ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އެކަނިވެސް އެކުންފުނިން އަންނަނީ ކުންފުނީގެ އިންސާނީ ވަސީލަތްތައް ވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ޖުމްލަ 100 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މި މަސައްކަތުގައި ބައިވެރިވަމުންނެވެ. ފަރުކޮޅުފުށީގައި ގާއިމް ކުރެވުނު ކަރަންޓީން ފެސިލިޓީގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެފައިވާއިރު ޓްރީޓޮޕް ސަރަހައްދުގައި އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން އިމާރާތް ކުރާ 10 ފާހާނާގެ މަސައްކަތް ކުރަމުން ދަނީ ފެނަކައިގެ މުވައްޒަފުންނެވެ. މިއީ ހުސް ފެނަކައިން ކުރަމުން ގެންދާ މަސައްކަތްތެކެވެ.

ސުވާލަކީ ފެނަކައިން އެ މަސައްކަތް ކުރާއިރުގައި ކުރަމުން ގެންދަނީ އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތަކާއި ގުޅުންހުރި މަސައްކަތްތޯއެވެ. ނަމަވެސް އެކުންފުނިން އިމާރާތް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެދޭއިރު ކުންފުނިން އަސްލު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ އެއްވެސް ވަރުބަލި ކަމެއް ނެތި ގައުމަށްޓަކައި ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެމުންނެވެ.

އެގޮތު ކ. ވިލިވަރާއި އއ. ވެލިދޫގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލީޓަކުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ސީދާ ފެނަކައިގެ ބެލުމުގެ ދަށުންނެވެ. އަދި އެ ދެ ރަށުގައި 24 ގަޑިއިރު އެމްއެންޑީއެފް ބޭފުޅުންނާއި އެކުގައި ފެނަކައިގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހުރިހާ މަސައްކަތްތަކެއް މުވައްޒަފުން ކުރަމުން އަންނައިރުގައި މުވައްޒަފުންނަށް ލިބޭނެ ހިތްހަމަ ޖެހުމަކީ އެ މުވައްޒަފުންނަށް ލިބޭ މުސާރަ ކަމަށް ބަލައިގެން ނުވާނެއެވެ. ތެދެކެވެ. މުސާރައަކީ މަސައްކަތް ކުރާ މުވައްޒަފަކަށް ލިބޭ ހިތްހަމަ ޖެހުމަކަށްވީ ނަމަވެސް، ކުންފުނީގެ ވެރިންނާއި ސަރުކާރުގެ ވެރިން އެ މުވައްޒަފުންނާއި ބައްދަލުކޮށް ހިތްހެޔޮ ކަމާއި އެކުގައި ވާހަކަދައްކާލާ ހެދުމަކީ މުވައްޒަފުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފެނަކައިން އެ މަންޒަރުތައް އަންނަނީ ފެންނަމުންނެވެ. ސީދާ މަސައްކަތް ކުރާ ސައިޓުތަކަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ދަނީ ޒިޔާރަތް ކުރައްވަމުންނެވެ. މަސައްކަތް ދާ ގޮތްތައް ބެލުމަށްފަހު ސައީދު އަންނަނީ މުވައްޒަފުން ކުންފުނީގެ ނަމުގައި ކޮށްދޭ ގައުމީ ހިދުމަތަށް ޝުކުރު އަދާ ކުރައްވާ ސާބަސް ދެއްވާ ހިތްވަރު ދެއްވަމުންނެވެ. މީގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމު ވެސް އަންނަނީ މަސައްކަތްތައް ދާ ގޮތް ވަރަށް ގާތުން ބަލަމުންނެވެ.

ކޮންމެއަކަސް ސަރުކާރުގެ ކުންފުންޏެއް، ދުވަހުން ދުވަހަށް ރައްޔިތުންތަކަކަށް މުހިއްމު އެތައް ހިދުމަތްތަކެއް ދެމުން އަންނަ ކުންފުންޏެއްގެ ހިދުމަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނީ ކުންފުނީގެ ވެރިންގެ ވެސް ހިކުމަތު އަމަލީގެ ސަބަބުންނެވެ. އަދި ވެރިންނަށް ބޯލަނބާ ތިމާމެން ކުރަނީ ގައުމީ މަސައްކަތެއްކަން ހަނދާކޮށްގެން އެ މަސައްކަތް ކުރާ މުވައްޒަފުންނަކީ މިފަދަ ދަނޑިވަޅެއްގައި ސިއްހީ މާހިރުންނަށް ވަކި ދޫކުރާނެ ބައެއް ނޫނެވެ. އެއީވެސް މިފަދަ ހާލަތެއްގައި ހަމަ ބަތަލުންނެވެ.