Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ޓެސްޓުކުރި 49 މީހަކު ބައްޔަށް ނެގެޓިވްވެއްޖެ

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / މިހާރު

ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ފަން އައިލެންޑުގެ ކަރަންޓީންގައި ތިބި 49 މީހަކު ކަރަންޓީންގައި ތިބޭތާ 14 ދުވަސް ހަމަވުމުން އެ ބައްޔަށް ޓެސްޓު ކުރުމުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ހުރިހާ އެންމެން ވެސް ކަރަންޓީން އިން ދޫކުރުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކޮށްފައިވާނެ ކަމަށެވެ. އަދި އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެހެންކަމުން މިހާރު އެ އެޖެންސީން އަންނަނީ އެމީހުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. 

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ހުރިހާ އެންމެން ވެސް ދޫކޮށްލާނީ އެމީހުންގެ ޓެސްޓުތައް ހެދުމަށްފަހު ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަމަށެވެ. އަދި ނަތީޖާ ނެގެޓިވްވާ ފަރާތްތަކުގެ އާއިލާއަށް އެމީހުން ދޫކޮށްލިކަން އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އާއިލާގެ ފަރާތުން އެމީހުން ބަލާ އާދެވޭނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމަށްފަހު އެނބުރި މާލެ ގެންނަނީ ކޮން ސަރަހައްދަކަށް ކަމަށް ވެސް އާއިލާއަށް އެޗްޕީއޭގެ ފަރާތުން އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.