Last Updated: May 8, 22:22
Wednesday, May 8, 2024
ދުނިޔެ

ކޮވިޑް-19 ފަންޑަށް އޮޕްރާ 10 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ޓީވީ ޝޯ ހުށަހެޅުމުގެ ރޮނގުން މުޅިދުނިޔެއަށް މަޝްހޫރު އަދި މަގުބޫލު ތަރި، އޮޕްރާ ވިންފްރޭ، އެމެރިކާގައި ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމަށް އެހީތެރިވުމުގެ ގޮތުން 10 މިލިއަން ޑޮލަރ ހަދިޔާކޮށްފިއެވެ.

ވިންފްރޭ ބުނިގޮތުގައި އޭނާ 10 މިލިއަން ޑޮލަރ ހަދިޔާ ކުރީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއިން ގައުމާއި އޭނާ އުޅެބޮޑުވި ސަރަހައްދުގައި އުޅޭ އެމެރިކާ މީހުންނަށް އެހީތެރިވުމުގެ ބޭނުމުގައެވެ.

ކޮރޯނާވައިރަހުން ސަލާމަތްވުމަށާއި އެ ބަލިމަޑުކަމުގައި ނިކަމެތިކަން ތަހައްމަލު ކުރަމުންދާ މީސްމީހުންނަށް ތަނަވަސްކަމުގެ އަހުލުވެރިން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވިންފްރޭ ހަދިޔާ ކުރި 10 މިލިއަން ޑޮލަރގެ ތެރެއިން އެއް މިލިއަން ޑޮލަރ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދައި ދިނުމަށެވެ.

ކޮރޯނާވައިރަހުގައި އެމެރިކާއިން 24 ގަޑި އިރުގެ ތެރޭގައި 1480 މީހުން މަރުވެފައިވެއެވެ. މިއީ ކޮރޯނާ ވައިރަހުގައި އެއްދުވަހުގެ ތެރޭގައި ގައުމަކުން އެންމެ ގިނަ މީހުން މަރުވި އަދަދެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ޚަބަރުތަކަށް ބަލާއިރު އެމެރިކާގައި ކޮރޯނާ ވައިރަހަށް ފައްސި ވެފައިވާ 278458 މީހުން އެބަތިއްބެވެ. އަދި ވައިރަސް ބަލީގައި 7159 މީހުން މަރުވެފައިވެއެވެ.

ވިންފްރޭއަކީ ޓީވީ ޝޯ ހުށަހަޅައިގެން އެންމެ ބޮޑު އާމުދަނީއެއް ހޯދާ ތަރިއެވެ.