Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ހަތަރު މީހަކު ޖަަލަށް ލާން ހުކުމްކޮށްފި

ތަފާތު މައްސަލަތަކެއްގައި ހިމެނޭ ހަތަރު މީހަކު ޖަލަށް ލާން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ކޯޓުން މިއަދު ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ވެސް މީހެއްގެ ސައިކަލް ވަަގަށް ނެގި ކަމުގެ މައްސަލައެއްގައި ކުށް ސާބިތުވެގެން އެއް އަހަރާއިި ހަ މަހަށް ޖަލާން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފައިވާ ސ. ފޭދޫ ސުވާސާގޭ މުހައްމަދު ސައީދު، 29، ގެ އިތުރުން ތިން މީހެކެވެ. ސައީދުގެ މައްޗަށް މިއަދު އިތުރު ހަ މަހުގެ ޖަލު ހުކުމެއް އައިސްފައި ވަނީ މަކަަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެގެންނެވެ.

ކޯޓުން މިއަދު ހަ މަހަށް ޖަލަށް ލާން ހުކުމް ކުރި މީހުންގެ ތެރޭގައި ދެން ހިމެނެނީ ފޭދޫ ހިރިލަންދޫގޭ މުހައްމަދު އިމާދު، 18، އެވެ. އޭނާގެ މައްޗަށް ވެސް ހުކުމްކޮށްފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގަ އެވެ.

ފޭދޫ ކޯޓުން މިއަދު ހުކުމް ކުރި ތިން ވަނަ މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް، ކުޑަކަމުދާ ތަކެތި ދޭން އެދުމުން އެ ތަކެތި ދޭން އިންކާރު ކުރިކަން ޝަރީއަތަށް ސާބިތުވާ ފޭދޫ ދިލްކަޝްނާޒް އިބްރާހީމް ޝަހުނީމް، 39، އެވެ. އޭނާގެ މައްޗަށް އިއްވާފައި ވަނީ އެެއް އަހަރުގެ ޖަލު ހުކުމެކެވެ.

މިއަދު ހުކުމް ކުރި ހަތަރު ވަނަ މީހަކީ ވައްކަމުގެ ކުށް ސާބިތުވެގެން ހަ މަޖަށް ޖަލަށް ހުކުމް ކުރި ފޭދޫ ބުރުނީގޭ އަހުމަދު މަގުސަދު ސައީދު، 23، އެވެ.