Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އޮންލައިންކޮށް މިނިސްޓަރުންނާ ސުވާލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ހަތަރު ވަޒީރަކާ ބައްދަލުކޮށް ސުވާލުކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ މުޅީންވެސް އޮންލައިން ކޮށް މެމްބަރުން އެކަހެރިވެ ތިބެއެވެ. ކޮމިޓީ ބައްދަލުވުން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.

ކޮވިޑް ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެދާނެ ގެއްލުން ފޫބެއްދުމަށް، ސަރުކާރުން ތައާރަފް ކުރި ޕެކޭޖާ ގުޅޭގޮތުން މެމްބަރުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށް ބައްދަލުކުރަން ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއެވެ.

އިގްތިސޯދީ ކޮމިޓީން އިއްޔެ ވެސް ވަނީ ބައްދަލުވުމެއް އޮންލައިން ކޮށް ބާއްވާފައެވެ. މިބައްދަލުވުމަށް ފަހު، އިތުރަށް އޮޅުން ފިލުވަން ހުރި ކަންތައްތައް މިނިސްޓަރުންނާ ސުވާލުކޮށްގެން އޮޅުންފިލުވުމަށް ނިންމައި ކޮމިޓީން ވަނީ އޮންލައިންކޮށް މިނިސްޓަރުންނާ ބައްދަލުކުރުމަށް ފާސްކޮށްފައެވެ.

ސަރުކާރުން ވަނީ މިހާލަތުގައި ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯން ސްކީމެއް ތައާރަފް ކޮށްފައެވެ. އަދި ރައްޔިތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ހަމަސް ދުވަހަށް ފަސް ކުރުމަށް އެބޭންކާ ގުޅިގެން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.