Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މޯލްޑިވިއަންގެ އެހީގައި ލަންކާގައި ތިބި ދިވެހިންނަށް 9 ޓަނުގެ ކެއާ ޕެކޭޖު ފޮނުވަނީ

ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ފުރުސަތު ހުޅުވާލި ފުރުސަތުގައި 8.9 ޓަނުގެ ތަކެތި ލިބިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މިހާރު ލަންކާއަށް ދަތުރު ކުރުމަށް ތައްޔާރުވެފައިވާ މޯލްޑިވިއަންގެ ފްލައިޓަށް 8.9 ޓަނުގެ ތަކެތި ނުވަތަ ކެއާ ޕެކޭޖު ލިބިފައިވާ ކަމަށެވެ. ލަންކާގައި ތިބި ދިވެހިންނަށް ފޮނުވާ މުދާތައް ނުވަތަ ކެއާ ޕެކޭޖުތައް ފޮނުވަނީ ލަންކާއަށްދާ މޯލްޑިވިއަންގެ ކާގޯ ބޯޓު މެދުވެރިކޮށެވެ. އެ ބޯޓު ލަންކާއަށް ދަނީ ރާއްޖެއަށް މުދާ ގެނައުމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާން ކޮށްފައިވާއިރު އެއާޕޯޓުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ކާގޯ ފްލައިޓެއް ލަންކާއަށް ދަތުރު ކުރާއިރު ބެންކޮކް އަދި ޑުބާއީ އަށް ވެސް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް ދަތުރުތައް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ލަންކާއާ އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް މިއަދު އެ ގައުމުތަކަށް ދަތުރު ކުރާނެއެވެ. އެގޮތުން ލަންކާއަށް ޖުމްލަ ދެ ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.