Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

މެދުކަނޑާލުމަށްފަހު އަނެއްކާވެސް ކައިވެނި ކޮށްދޭން ފެމެލީ ކޯޓުން ނިންމައިފި

ފެމެލީ ކޯޓު --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކައިވެނި ކޮށްދިނުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް އެކަން ކުރަން ފެށުމަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.

އެގޮތުން ފެމެލީ ކޯޓުން ވަނީ ހަފްތާއަކި ދެ ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައެވެ. އެކޯޓުން ބުނީ ކައިވެނި މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށެވެ.

މެދުކަނޑާލުމަކަށްފަހު ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމީ ކޮވިޑް19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ނިމުމެއް އަންނާނެ ސީދާ ދުވަހެއް ނޭނގޭތީއެވެ.

ފެމެލީ ކޯޓުން ބުނީ ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ބަލާ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު އެއް މައްސަލަ ބަލާނެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ މަހުގެ 19ވަނަ ދުވަހުން ފެށިގެން ސަރުކާރުން އޮފީސްތައް ބަންދު ކޮށްފައި ހުންނަތާ ތިން ހަފްތާ ވަނީ ވެފައެވެ. އެހެންނަމަވެސް މިހާރު ސަރުކާރުގެ ބައެއް އޮފީސްތަކުން އަންނަނީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.