Last Updated: May 20, 01:49
Monday, May 20, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

ރީތި ހިތްގައިމު ގެއެކެވެ. މުއްސަދިކަމާއި ތިޔާގިކަން އެ ގޭގެ ކޮންމެ ފަރާތަކަށް ނަޒަރު ހުއްޓާލިޔަސް ފެންނަން ހުއްޓެވެ. އެ ގޭގެ ބަގީޗާގައިވާ މާމެލާމެލި ވެސް ފަރިވެ ފޮޅިފައިވެ އެވެ. އޭގެ މީރު ވަހުން މުޅި ހިސާބުގަނޑު އެއްވަސްވެފައިވެ އެވެ. ނަމަވެސް އެ ގޭގެތެރޭގައި ވަނީ ބުނަން ނޭނގޭ ކަހަލަ ހިމޭންކަމަކާ އަނދިރި ކަމެކެވެ.

ވަހީދާ އޭނަގެ ފިރިމިހާ ޔޫނުސް ކައިރިއަށް ގޮސް އެނދުގައި އިށީނދެލި އެވެ. ޔޫނުސް އެނދުގެ ފަނޑީގައި ލެނގިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. އޭނާގެ މުސްކުޅި ދެ ލޮލުންނާއި ނިންމަށްޗަށް އަރާފައި ހުރި ރޮނގުތަކުން އޭނާގެ ޝަހްސިއްޔަތު ފެންނަން ހުއްޓެވެ.
އޭނާގެ އަތުން މަޑުމަޑުން އޭނާމުނު ފޮހެލި އެވެ. ކޮންމެވެސް މާޔޫސްކަމެެއް އޭނާ އަށް ދިމާވެގެން އުޅޭ ކަހަލަ އެވެ.

"ޔޫނުސް. ތިފަދަ އެކަނިވެރި ގޮތަކަށް އެންމެނާ ވަކިން އައިސް އިނުމުން ކުރާނީ ކޮން ފައިދާއެއް؟ އިތުރަށް ކަންތަކާ ވިސްނަން މަޖުބޫރު ވާނީ އަދި ހިތް ނުތަނަވަސް ވާނީ. ވީ އިރު ބޭރަށް ނިކުމެ ކުޑަކޮށް ތާޒާ ވައި ލިބޭ ދިމާލަކަށް ދިޔުން މުހިންމު."
ވަހީދާ ޔޫނުސް ގެ ބޮލުގައި ފިރުމާލި އެވެ.

ވަހީދާ އާއި ޔޫނުސް އަކީ މިއަދު މުސްކުޅިވެފައި ތިއްބަސް ޒުވާންކަމުގެ ހުރިހާ ހަރުފަތެއް ގިރާކޮށްފައި ތިބި ދެ މީހުންނެވެ. އެ މީހުންގެ ބަގީޗާގައި މިހާރު ޒުވާން ހަތަރު މާ ފޮޅިފައިވެ އެވެ. އެއީ ތިން އަންހެން ކުދިންނާ އެއް ފިރިހެން ކުއްޖެކެވެ.

ނީލާ، އައިޝާ އަދި ތާނިޔާ އާއި އެ ކުދިންގެ ބޭބެ އުނައިސް އެވެ. އެންމެ ދޮށީ އުނައިސް އެވެ. އޭގެ ފަހުގާ ނީލާ، ދެން އައިޝާ ދެން ތާނިޔާ އެވެ.
ހުރި ހަމައެކަނި ފިރިހެން ދަރިޔަށް ވީމާ އުނައިސް އަށް އާއިލާގެ ޤަދަރާ ލޯބި އެހެން ކުދިންނަށް ވުރެ ބޮޑަށް ލިބެމުން ދެ އެވެ. އެކަމަކު މިކަމާ ދެން ތިބި ކުދިން ޝަކުވާއެއް ނުކުރެ އެވެ. ނަމަވެސް އުނައިސް ހުންނަނީ މިކަމާ ވަރަށް ފަޙުރު ވެރިވެފަ އެވެ. ތިމަންނަ މީ ގޭގެ އެންމެ އިސްމީހާ އޭ ކިޔާ ކޮއްކޮމެންނާ ވަރަށް ދިމާކޮށް ހަދަ އެވެ.

ޔޫނުސް، އުނައިސް އިނގިރޭސިވިލާތައް ކިޔަވަން ފޮނުވި އިރު އެއްވެސް އަންހެން ކުއްޖަކު ރަށުން ބޭރަށް ކިޔަވާކަށް ނުފޮނުވަ އެވެ. އެންމެން ވެސް ކިޔެވި އެމްއޭ އާ ހަމައަށެވެ.
ޔޫނުސް ގަބޫލްކުރާ ގޮތުން އަންހެން ކުދިން މާ މައްޗަށް ކިޔަވާކަށް ނުޖެހޭނެ އެވެ. އަންހެން ކުދިން ކިޔަވަން ޖެހޭނީ ފިރިމީހާ އަށް ގަދަރު ކުރަން އެނގޭ ވަރަށެވެ. ނޫނީ ދަރިން ތަރުބިއްޔަތު ކުރަން އެނގޭ ވަރަށެވެ.

"ތީ ތެދެއް…އެކަމަކު ތާޒާ ވައި ލިބުނަސް މިއަދު އަހަރެން އުފަލެއް ނުވާނެ." ޔޫނުސް ފުން ނޭވައެއްލިއެވެ. މިނޭވާގައި ތަފާތު އެތައް ކަމެއް ވާކަން ދޭހަވެ އެވެ.

މިއަދު މިގެ ފަޅުވެފަ އެކަނިވެރިވެފައި އަނދިރިކޮށް މިހެން އޮތަސް މި ގެއަކީ ކުރީގެ ކާރޫބާރޫ ބޮޑު ގެއެކެވެ. ތަފާތު ހަފުލާތައް ޒީނަތްތެރި ކުރުމުގާ އެންމެ އަރާ ހުރި ގެއެވެ.

ޔޫނުސް ގެ ފުރިހަމަ ބެލުމުގެ ދަށުން ކޮންސްޓްރަކްޝަން ކޮމްޕެނީއެއް ހިންގަމުން ދާ ގެއެކެވެ. ދުއިސައްތައެއްހާ ބިދޭސީންނާއި 3،000 އެއްހާ ދިވެހިން ފުރިހަމަ ހަލުއި ސްޕީޑެއްގައި މަސައްކަތް ކުރަމުން އަންނަ ފެކްޓަރީއެއް ގެއާއި މާ ދުރު ނޫން ހިސާބެއްގައި އޮވެ އެވެ.
ކޮންމެ މުވައްޒަފަކު ވެސް ޔޫނުސް ދެކެ އިންތިހާއައް ލޯބި ކުރެ އެވެ. ޤަދަރު ކުރެ އެވެ. އިހްތިރާމް ކުރެ އެވެ. ޔޫނުސް ޤަބޫލް ކުރާ ގޮތުގައި މަސައްކަތް ކުރާ މީހުންނާއި ވެރިންނާ ދެމެދު އެކުވެރިކަމުގެ ލާމަސީލު ގުޅުމެއް އޮންނަން ޖެހޭނެ އެވެ.
އެންމެ ދަށު މުވައްޒަފު މީހާއެކޭ އެންމެ މަތީ މިހާއެކޭ ޔޫނުސް ތަފާތެއް ނުކުރެ އެވެ. ވާހަކަ ދެއްކުމުގަ އާއި އެހީވެ ދިނުމުގައި ޔޫނުސް އަކީ ހިސާބުގަނޑުގައި މަޝްހޫރު ބޭފުޅެކެވެ.

އެއްވެސް މީހަކު ކަމަކު އައިސްފި ނަމަ ސީދާ ޔޫނުސް އެ މީހަކާ ބައްދަލު ކުރައްވާފައި އެ އައި ބޭނުން ފުއްދަވާ ދެއްވަ އެވެ. މިއީ ޔޫނުސް ދެކެ މީހުން ލޯބިވާ އެންމެ ބޮޑު ސަބަބެވެ.
ޔޫނުސް ޤަބޫލްކުރާ ގޮތުގައި މަސައްކަތު މީހުންނާ ތަހުޒީބީ ގުޅުމެއް އާލާވެފައި އޮންނަން ޖެހޭނެ އެެވެ. ކަންތައްތަކުގައި މަސައްކަތު މީހުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އޮންނަން ޖެހޭނެ އެވެ. މިއަދާ ހަމައަށް ވެސް އޭނާ އަށް ލިބިފައިވާ ކާމިޔާބު ކަމަކީ، މުއްސަނދިކަމަކީ އޭނާގެ މަސއްކަތް ކުރާ މީހުންގެ ހައްޤެކެވެ.

ސަލީމް އަކީ ޔޫނުސް ގެ މަސައްކަތާއި ޔޫނުސްގެ އަދާތަކާއި މެދު އިންތިހާ އަށް ޝައުގުވެރިވާ މީހެކެވެ. ތަފާތު ދުވަސްތަކުގައި އެ ކުންފުނިން ވަޒީފާ ލިބޭތޯ ފާރަވެސްލާފައިވަ މީހެކެވެ. ކޮންމެ ކަމެއްގައި ވެސް އޭނާ ބަލަނީ ޔޫނުސް އެކަމެއް ކޮށްފައިވާ ގޮތެވެ. އޭނާގެ ނަމޫނާ މީހާކީ ހަމައެކަނި ޔޫނުސް އެވެ. އޭނާ ބޭނުންވަނީ ދިރިއުޅުމުގައި ޔޫނުސް ފަދަ ގާބިލް މީހަކަށް ވުމަށެވެ. އޭނާގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ޔޫނުސްގެ ފެކްޓަރީން އޭނާ އަށް ވަޒީފާ ލިބުމެވެ.

މިއަދކީ އީދު ދުވަހެވެ. ޔޫނުސް ވެސް ދިޔައީ އިސްލާމީ މަރުކަޒަށް އީދު ނަމާދަށެވެ. ނަމާދުން ނިމިގެން އެހެން ފަހަރެކޭ އެއް ފަދައިން އޭނާ އެންމެންނާ ސަލާމް ކުރަމުން މުބާރަކްބާދު ދެމުން ދިޔަ އެވެ. އެ ވަގުތު ކުއްލިއަކައް ނުދަންނަ ނުދެކޭ މޫނެއް އައިސް ސަލާމްކޮށްލި އެވެ.

"ޔޫނުސް ސާ… މިއަދާ ހަމައަށް އަޅުގަނޑު މަނިކުފާން ދެކެފަ ވަނީ ހަވީރު ނޫހުންނާއި އާފަތިސް ނޫހުން. އަދި ޓިވީ ގެ ތަފާތު ޕްރޮގުރާމްތަކުން. މިއަދު އީދު ނަމާދަށް މިތަނަށް އައުމުން މަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު ލިބުނީ. އީދު މުބާރަކް."

"އެހެންތަ އާންމުކޮށް އަހަރެންނާ ބައްދަލު ކުރަން އަންނަ މީހުންނަށް އެކަން ވަނީ ވަރަށް ފަސޭހަ ކަމަކަށް. އޮފީސް ގަޑީގަ އޮފިހަށް ދުރުވުމުން ބައްދަލު ވާނެ. ކޮން ނަމެއްތަ ކިޔަނީ؟" ޔޫނުސް ސަލީމް އާ ސަލާންކޮށްލަމުން އަހާލި އެވެ.

"އަޅުގަނޑުގެ ނަމަކީ ސަލީމް. އާދަމް ސަލީމް. އަޅުގަނޑު ކިޔެވީ މަޖިދީއްޔާ ސްކޫލުން. އެއީ މަނިކުފާން ވެސް ކިޔެވި ސްކޫލް ދޮގެއްތޯ؟"

"އާދަމް ސަލީމް. ހޫނ…އާނ އެއީ ކޮން ޒަމާނެއް؟ އަހަރެން މިހާރު ހަނދާނެއް ވެސް ނެތް ތިކަމެއް. ދެން ސަލީމް ކުރަނީ ކޮން މަސައްކަތެއް؟"

"އަސްލު އަޅުގަނޑަކީ ވަޒީފާގެ ދަހިވެތި ކަމުގައި އެކި ތަންތަނައް ދަތުރު ކުރާ މުސާފިރަކީން. ރާއްޖެތެރެވީމާ މާލޭގައި ގިނަ ދުވަހަކު ނުއެއް އުޅެވޭ. މިއަދު މެންދުރު ފަހު ފުރައިގެން ދާން ކަމަށް މި ބެލީ. މާލެގަ ތަންތަން ވަރަށް އަގު ބޮޑު އެހެންވެ މި ދަނީ ފުރައިގެން ވެސް."

"ނޫނޭ…ފުރުމުގެ ބޭނުމެއް ނެތް. މާދަމާ އޮފީހުން އަހަރެންނާ ބައްދަލު ކުރޭ." ޔޫނުސް ސަލީމް އާ ސަލާމް ކުރުމަށް ފަހު ކާރަށް އަރައިގެން ދިޔައީ އެވެ. ސަލީމް އުފަލުން ވަރެއް ނެތެވެ. ހީވީ ދެ އީދު ހަނދު އެއްފަހަރާ އޭނާ އަށް ލިބުނު ހެންނެވެ.

(ނުނިމޭ)