Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ސުޕްރީމް ކޯޓުން ކޮވިޑް19 އާ ގުޅިގެން ނެރުނު ސާކިއުލާއިން މުސްތަގިއްލު ކަމަކަށް އަސަރެއް ނުފޯރާ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ނެރުނު ސާކިއުލާގެ ސަބަބުން ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަކަށް އެއްވެސް އަސަރެއް ފޯރާފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އޮންލައިންކޮށް ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޭއެސްސީން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެލާޓް ލެވެލްތަކާއި ގުޅިގެން ކޯޓުތަކުން އަމަލުކުރާނެ ގޮތެއްގެ އިރުޝާދު ދީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާ އާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަމާއި މެދު ޖޭއެސްސީގެ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ކޯޓުތަކުން ޢަމަލުކުރުމަށް ދެއްވާފައިވާ އިރުޝާދުތަކަކީ، ވަގުތާ ހާލަތަށް ރިއާޔަތްކޮށްދެއްވާފައިވާ އިރުޝާދުތަކެއް ކަމަށާއި އަދި މި އިރުޝާދު ދިނުމުގެ ސަބަބުން އެއްވެސް ފަނޑިޔާރެއްގެ އަދި ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އަސަރެއް ފޯރާނެ ކަމަށް ނުފެންނަ ކަމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފާހަގަކުރެއްވި ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުން އެ ސާކިއުލާ ނެރުނީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. އެ ސާކިއުލާގައި ސުޕްރީމް ކޯޓުން ވަނީ އެހެން ކޯޓުތަކުން ވެސް އެ ސާކިއުލާގައިވާ ކަންކަމަށް އަމަލު ކުރުމަށް އަންގާފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.