Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން

ސަޢޫދީ ޢަރަބިޔާއިން ކޮރޯނާވައިރަސް ނައްތާލެވޭނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ކަމުގައި އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ސައުދީގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު އަލް ޢަބްދުލް ޢަލީ ވިދާޅުވި ގޮތުގައި އެންމެ މީހެއްގެ ސަބަބުން 70 މީހުންނަށް ބަލިޖެހެމުންދާއިރު އެކަން ކޮންޓްރޯލުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ.

"މީހަކަށް ބަލިޖެހިގެން އެނގޭއިރު އެމީހަކު ތިރީސް ސާޅީސްމީހުންނާ ބައްދަލުކޮށް މުޢާމަލާތް ކޮށްފައި އެބަހުރޭ." އޭނާ ވިދާޅުވިއެވެ. "މިގައުމުން ބަލި ނައްތާލަން އެތައް މަސްދުވަހެއް ނަގާފާނެ."

އާދީއްތަދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު ސަޢުދީ ޢަރަބިޔާގައި ކޮރޯނާވައިރަސްޖެހިފައިވާ 2385 މީހުން އެބަތިއްބެވެ. އަދި އެބަލީގައި 34 މީހުން ވަނީ މަރުވެފައެވެ.

ސަޢުދީ ޢަރަބިޔާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ޙައްޖަށް މީހުން ގެންދިއުމަށް އެކިއެކި ފަރާތްތަކުން އެގްރިމެންޓުތައް ނެހެދުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާގެ ކަންތައް ބަލަހައްޓަވާ ވަޒީރު ޑރ. މުޙައްމަދު ޞާލިޙް ބިން ޠާހިރު ބަންތަން ވަނީ ވިދާޅުވެފައެވެ.

ޑރ. ޞާލިޙް ބަންތަން ދުނިޔޭގެ މުސްލިމުންނަށް ގޮވާލެއްވީ ކޮރޯނާވައިރަސްގެ ކަންތައް ހަމައަކަށް އެޅެންދެން ޙައްޖާއި ޢުމުރާގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިންތިޒާރުގައި ތިބުމަށެވެ.

މިނިސްޓަރ ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާހެދި މުސްލިމުން ޙައްޖުގެ ތައްޔާރީތައް ފަސްކުރުމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޑރ. މުޙައްމަދު ޞާލިޙު ވިދާޅުވީ ޙައްޖާއި ޢުމުރާގެ ޚިދުމަތް ދިނުމަށް ސަޢުދީ ޢަރަބިޔާ އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށެވެ.

"ކޮންމެފަދަ ވަގުތެއްގައި އަޅުކަން އަދާކުރުމުގެ ހުއްދަ ދެވިދާނެ." އޭނާ ވިދާޅުވިއެވެ. "އެކަމަކު މިދުވަސްކޮޅު އަޅުގަނޑުމެން މިދަނީ ކޮރޯނާ ވައިރަހާ ކުރިމަތިލަމުން. اللہ ތަޢާލާ ހުރިހާ އެންމެން ބަލިމަޑުކަމުން ރައްކައުތެރި
ކުރައްވާށި!"

މިނިސްޓަރ ވިދާޅުވިގޮތުގައި ކޮރޯނާވައިރަހާ ހެދި ސަޢުދީ ޢަރަބިޔާއިން ވިސާގެ ކަންތައް ހުއްޓާލިއިރު ގައުމުގައި ޢުމުރާގެ އަޅުކަން އަދާކުރުމަށް ފަސްލައްކަ މީހުން ގޮސްތިއްބެވެ.

"އަޅުގަނޑުމެންގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން އެ އެންމެން އެބައެއްގެ ގައުމަށް ފޮނުވާލީ." މިނިސްޓަރ ވިދާޅުވިއެވެ. "އޭގެ ތެރޭގައި ތިބި ކޮރޯނާ ވައިރެސް ޖެހިފައި ތިބި އެންމެންނާއި ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ އެންމެންނަށް ހިލޭ ބޭސްފަރުވާކޮށްދިނިން. އެއީ ކޮން ގައުމެއްގެ ބައެއްތޯއެއް އަޅުގަނޑުމެން ނުބަލަން."

މިނިސްޓަރ ވިދާޅުވިގޮތުގައި ދަތުރުފަތުރު ބަންދުވުމާގުޅިގެން ގައުމަށް ނުދެވި 1200 ޢުމުރާވެރިން އެބަތިއްބެވެ. އެ ހުރިހާ އެންމެންނަށް ވެސް ސަޢުދީ ޢަރަބިޔާއިން ދަނީ މެހުމާންދާރީ އަދާކުރަމުންނެވެ.

ކަޢުބަތުއްﷲގެ ކުރިމަތީގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި މިނިސްޓަރ ވިދާޅުވީ ޢުމުރާގެ އަޅުކަން އަދާ ނުކުރެވުނު ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ދެއްވާނޭކަމަށެވެ.

މިއަހަރުގެ ހައްޖުގެ ދުވަސްތައް ފެށެނީ ޖުލައިމަހުގެ ތެރޭގައެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މީހުން ޙައްޖުގެ އަޅުކަން އަދާކުރެއެވެ. އަދި ވަރަށްގިނަ ފަހަރަށް ޙައްޖުގެ އަޅުކަމާގުޅިގެން ބަލިމަޑުކަމެއް ފެތުރެއެވެ.

ކޮރޯނާވައިރަސްއިން ގައުމު ސަލާމަތް ކުރުމަށް ސަޢުދީ އަރަބިޔާއިން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.