Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރާއްޖެއަށް ޑަބްލިއުއެޗްއޯ އިން އިތުރު 5،000 ޓެސްޓު ކިޓު ހަދިޔާކޮށްފި

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހަށް ޝައްކުވާ ނުވަތަ އަލާމާތްތައް ހުންނަ މީހުން ޓެސްޓު ކުރުމަށް ބޭނުންވާ އިތުރު ކިޓުތަކެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވަނީ ރާއްޖެއަށް 5،000 އިތުރު ޓެސްޓު ކިޓު ހަދިޔާ ކޮށްފައެވެ. މި ކިޓުތަކާއި އެކު މިހާތަނަށް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 11،000 ޓެސްޓު ކިޓު ހަދިޔާކޮށްފައެވެ.

އެ ޓެސްޓް ކިޓުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރުއެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ ހަތަރު މީހަކަށެވެ.