Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް މެންބަރުން ދެކޮޅު!

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް މެންބަރުން ދެކޮޅު ހައްދަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހާލަތު ރައްކާތެރި ނޫން ކަމަށް ފެންނާތީ ކަމަށެވެ. އަދި ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި އެކަން ކުރަންޖެހޭނީ ހެލްތު މިނިސްޓަރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފްގެ ވާހަކަތަކަށް ތާއީދު ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީގައި އަތް ލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އާއްމު ހާލަތަށް ރުޖޫއު ވެފައިވާ ނަމަ އެކަން ކުރުމަކީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު ހިސަނާ ހުސައިން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫންކަމަށާއި، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލަށް ލިބިވަޑައިގަންނަވާ ހާލަތު ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

މެންބަރުން މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމާއި ގުޅިގެން ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާތީއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.