Last Updated: April 24, 17:03
Wednesday, April 24, 2024
ޚަބަރު

ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތް: އޭޖީ

ބަންޑާރަ ނާއިބު ރިފްއަތު --- ފޮޓޯ / ސަން

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި ދަނޑިވަޅުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ޖޫން ތިނެއްގައި ހަމަވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.  

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމާއި ގުޅިގެން ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައި ވުމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން މިއީ ގާނޫނުއަސާސީ އިސްލާހު ކުރުން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. 

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހާލަތު ރައްކާތެރި ނޫން ކަމަށް ފެންނާތީ ކަމަށެވެ. އަދި ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި އެކަން ކުރަންޖެހޭނީ ހެލްތު މިނިސްޓަރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފްގެ ވާހަކަތަކަށް ތާއީދު ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީގައި އަތް ލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އާއްމު ހާލަތަށް ރުޖޫއު ވެފައިވާ ނަމަ އެކަން ކުރުމަކީ މައްސަލައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު ހިސަނާ ހުސައިން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫންކަމަށާއި، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލަށް ލިބިވަޑައިގަންނަވާ ހާލަތު ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.