Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުރަހެއް ނެތް: ފިލްޒާ

މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފިލްޒާ: ފޮޓޯ / އަވަސް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ނޫން ކަމަށާއި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލަފާ ދެއްވައިފިއެވެ. 

އެކަމަނާ މި ލަފާ ދެއްވާފައި މިވަނީ މިއަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމާއި ގުޅިގެން ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައިވާތީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައެއް މެންބަރުން ގާނޫނުއަސާސީ މި ދަނޑިވަޅުގައި ނުކުރުމަށް ގޮވާލާފައި ވަނިކޮށެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެ ކަމަގައި ގާނޫނީ ލަފައެއް ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ކިބައިން ލަފައަކަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ފިލްޒާ ވަނީ އެކަމަނާގެ ލަފާ މަޖިލީހުގެ ރައީސަށް ސިޓީއަކުން އަރުވާފައެވެ. .

އެ ސިޓީގައި ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމަށް ވާއިރު ގާނޫނު އަސާސީގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މާއްދާގައި ފާހަގަ ކުރަނީ ގާނޫނު އަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ހާލަތަށް ކަމަށް ފިލްޒާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން އުފައްދާނެ އެއްވެސް ހިލާފެއް ނެތް ކަމަށް ފިލްޒާގެ ސިޓީގައި ވިދާޅުވިއެވެ.

ފިލްޒާ މިފަދައިން ވިދާޅުވެފައިވާއިރު ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ޖޫން ތިނެއްގައި ހަމަވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.