Last Updated: June 9, 18:41
Tuesday, June 9, 2026
ވިޔަފާރި

އެސްޓީއޯ މަރަދޫފޭދޫ ފިހާރަ "ކަސްޓަމަރުންނާ ރައްޓެހި ތަނަކަށް"

އެސްޓީއޯ މަރަދޫ ފިހާރައިގެ މުވައްޒަފަކު ހަރުގަނޑުތައް ތަރުތީބު ކުރަނީ. ފޮޓޯ/ އައްޑޫ ލައިވް

ސ. މަރަދޫފޭދޫގައި ހުންނަ އެސްޓީއޯގެ ފިހާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު ކުރިން އެތަނުން ލިބެން ނެތް ބައެއް ބާވަތްތަތައް މިހާރު ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

މީގެ ކުރިން އާންމުކޮށް އެސްޓީއޯ މަރަދޫފޭދޫ ފިހާރައިން ވިއްކަނީ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި ކާޑުގެ ބާވަތްތަކެވެ.

އެހެން ނަމަވެސް މި ރޯދަ މަހާ ދިމާކޮށް ފިހާރަ އޭސީ ކުރުމާ ގުޅިގެން ކާނާގެ ގިނަ ބާވަތްތަކެއް ވެސް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. އެގޮތުން އެސްޓީއޯ މާލޭ ސްޕަމާޓުން ވިއްކާ ދަޅު ކާނާއި ތަފާތު ބުއިންތައް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

އޭގެ ތެރޭގައި އެސްޓީއޯ އިން އެތެރެކޮށް މާކެޓް ކުރާ ކޮފީގެ ބާވަތްތަކާއި ކިރު ޕެެކެޓާއި ތަރުކާރީ އާއި މޭވާ ދަޅުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ކުރިން އެ ފިހާރައިން ލިބެން ނެތް ދޮންނަ މެޝިނުގެ ބްރޭންޑެއް ކަމަށްވާ ޕިލިޕްސް ބިގް ޑްރަމް ދޮންނަ މެޝިން ވަނީ ވިއްކަން ފަށާފަ އެވެ. އަދި ރޯދަ އާ ދިމާކޮށް އިލެކްޓްރޯނިކް ސާމާނު ވެސް ކުރިއަށް ވުރެ ބޮޑަށް ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން ތަފާތު ސައިޒުތަކުގެ އައިސް އަލަމާރި އާއި ތަފާތު ސައިޒުތަކުގެ ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަނާއި އަދިި މި ނޫން ވެސް ގިނަ ބާވަތްތައް ހިމެނެ އެވެ.