ވެރިކަމެއް ޚިޔާރުކުރާ އިރު ދާން ވާނީ ޖިސްމާނީ، ނަފުސާނީ، އިގްތިސާދީ އަދި އިޖްތިމާއީ އަނިޔާ ނުދޭނެ ބަޔަކު ޚިޔާރު ކުރަން ކަމަށާއި މިއަދު ހޭލާ ތިބޭއި ރު ވެސް ލޯ ކުރިމަތީން މި ފެންނަނީ ފެބުރުއަރީ 7 ގައި ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބަޔަކު މުގުރާއި ޝީލްޑުތައް ހިފައިގެން ޖީބަށް ޕެޕަ ސްޕްރޭ އަޅައިގެން ރައްޔިތުން ފަހާ އައިސް ތަޅާ އަނިޔާކޮށް ހަދާ މަންޒަރު ކަމަށާއި އެ ދުވަހުން ފެށިގެން ޗިސްޗިސް ކޮށްލިޔަސް ފިސްފިސް ކޮށްލިޔަސް ބާޣީއަކަށް ވެވޭކަށް ނެތް ކަމަަށް އެމްޑީޕީގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
"ނެތޭވެވާކަށް ބާޣީއަކަށް" ގެ ނަމުގައި މުސްތަފާ އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ރ. އުނގޫފާރުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީއަކީ އަނިޔާ އާ ދެކޮޅުވުން ކަމަށާއި، އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ މިގައުމުން އަނިޔާވެރިކަން ނައްތާލައި ރައްޔިތުން ބާރުވެރި ކުރުވަން ކަމަށެވެ.
އަދި އަނިޔާ އޭ ބުނުމުން ސިފަވަނީ ބަޑިޔާ މުގުރާ ކަރުނަ ގޭހާއި ޝީލްޑުތަކުން ދެމުންދާ އަނިޔާ ކަމަށާއި އެކަމަކު ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑީ ނަފުސާނީ އަނިޔާ ކަމަށާއި ، ފެބުރުއަރީ 7 ގައި ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް އެއަށް ވުރެ މާ ގިނަ ބަޔަކަށް ނަފުސާނީ އަނިޔާ ލިބިފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އަދި ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކަކީ އޭގެ އަސަރު ފިލާދާ ކަމަކަށް ވިޔަސް ނަފްސާނީ ގޮތުން ލިބޭ އަނިޔާގެ އަސަރުތައް ފިލައި ދިއުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމުގައި ވިދާޅުވި އެވެ.
ހަމަ މިއާއެކު އިގްތިސާދީ އަނިޔާއަކީ ވެސް އެހާމެ ބޮޑު އަނިޔާއެއް ކަމަށާއި ބަޣާވާތުގެ ސަބަބުން ރާއްޖެ އަށް ލިބިފައިވާ އިގްތިސާދީ އަނިޔާއަކީ ވެސް އިންތިހާ އަށް ބޮޑު އަނިޔާއެއް ކަމުގައި ވިދާޅުވި އެވެ. ހަމައެހެންމެ އިޖްތިމާއީ އަނިޔާއަކީ ވެސް އެހާމެ ނުރައްކާތެރި އެއްޗެއް ކަމުގައި ވިދާޅުވަމުން ދީނީ ދަންނަ ބޭކަލުންގެ ނަމުގައި ބަޔަކުނުކުމެ މިގައުމު މިވަނީ ފިތުނަކޮށްފައި ކަމުގައި މުސްތަފާ ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ވަރަށް ދީނަށް ލޯބި ކުރައްވާ ބޭފުޅެއްކަން އެ މަނިކުފާނުން ދެނެވެޑައި ގަންނަވާ ކަމަށާއި އެހެން ކަމުން ޚުދު އެ މަނިކުފާނު ނަޝީދަށް ވަރަށް ގަދަރުކުރާ ކަމަށާއި ލޯބިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ނަމަވެސް ނަޝީދަކީ ވަރަށް ލާދީނީ ބޭފުޅެއް ކަމުގައި ބުނެ އިމުރާނުމެން ފަދަ މީހުން ދެއްކި ވާހަކަތަކުގެ ސަބަބުން މުޅި މުޖުތަމައުގައި ފިތުނަ އުފެދި އޭގެ ސަބަބުން މިއަދު މިޤައުމުގައި ތިއްބެވި ދީނީ ޢިލްމުވެރީންގެ ޤަދަރު މީހުންގެ ކުރިމަތީގައި ވެއްޓިފައިވާ ކަމަށާ މިކަންކަމަކީ ބިރުހުރި ކަންކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.
އަދި ޚުދު އެ މަނިކުފާނާ ދިމާލަށް ވެސް ބައެއް ފަރާތްތަކުން ލާދީނީއޭ ބުނެ ރާޢްޖޭގެ، ދިވެހި އިސްލާމް ދެ މާއްދާ ފޮހެލަން މަސައްކަތް ކުރިކަމުގެ ތުހުމަތު އަޅުވާއިރު އެ ދެމާއްދާ ވިޔަސް އެހެން މާއްދާތަކުންވިޔަސް ދަރިވަރުންނަށް އެން މެބޮޑު ކުރިއެރުމެއް ހޯދައި ދެވިފައި ވާނީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމުގައި މުސްތަފާ ވިދާޅުވި އެވެ.