އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން ސޯނަމް ކަޕޫރަކީ ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް ވިދަމުން އަންނަ އެއް ބަތަލާ އެވެ. ބައްޕަ އާއި ދައްތަ ފަދައިން ކެމެރާގެ ކުރި މައްޗަށް ރިއާ ކަޕޫރު ނުނިކުތް ނަމަވެސް އޭނާއަކީ ވެސް ހަމަ ފިލްމީ މީހެެކެވެ.
އެގޮތުން ދައްތަ ސޯނަމް ކަޕޫރު ހިމަނައިގެން ރިއާ ވަނީ "އައިޝާ" ގެ ނަމުގައި 2011 ވަނަ އަހަރު ފިލްމެއް ޕްރޮޑިއުސްކޮށްފަ އެވެ. ދެން އޮތީ އަނިލް ކަޕޫރުގެ ހަމައެކަނި ފިރިހެން ދަރިފުޅު ހަރުޝްވަދަން ކަޕޫރުގެ ވާހަކަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދައްތަ ސޯނަމް އާ އެކު "ދިއްލީ 6" އާއި ދާދި ފަހުން ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ އަންނަ އަހަރު މަސައްކަތް ފަށާ، އޭނާގެ ޑްރީމް ޕްރޮޖެކްޓް "މިރްޒާ ސާހިބާ" އިން ހަރުޝް ލޯންޗް ކުރަން މެހެރާ ވަރަށް ބޮޑަށް ބޭނުންވެ އެވެ.
ހަރުޝް ސްކްރީނަށް ނިކުންނަން އެއްބަސްވެއްޖެ ނަމަ ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ލިސްޓަށް އަނެއްކާ ވެސް އާ ތަރިއަކު އުފަންވީ އެވެ. ފަހަކަށް އައިސް ޒުވާން އާ ބަތަލުން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަމުންނެެވެ.
މި ފިލްމުގެ މުހިއްމު ރޯލްތަކަށް ސޯނަމް އާއި ވަހީދާ ރަހުމާން މިހާރު ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން ހަރުޝް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފިލްމްގެ ލީޑް ބަތަލާއަކަށް އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މި ފިލްމްގެ ވާހަކަ ލިޔެފައި ވަނީ މަޝްހޫރު ލިރިސިސްޓް ގުލްޒާރެވެ.
ހަރުޝް މިހާރު އަންނަނީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅެ، އަނޫރާގެ ކެޝަޕް ޑައިރެކްޓް ކުރާ "ބޮމްބޭ ވެލްވެޓް" ގައި އެސިސްޓެންޓް ޑައިރެކްޓަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.