Last Updated: July 3, 18:11
Thursday, July 3, 2025
ދުނިޔެ

ދުނިޔެއަށް 60 ލައްކަ ނަރުހުން މަދުވުމާ ކުރިމަތިލާން ޖެހިފައި

އިންޑިއާއާއި ފިލިޕިންސްގެ ނަރުހުން ގިނަ އަދަދަކަށް ގައުމުން ބޭރުގައި، އެހެން ގައުމުތަކުގައި މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު، މިއަދު އެ ދެގައުމަށް ވެސް ގިނަ އަދަދަކަށް ނަރުހުން ވަނީ ބޭނުންވެފައެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުންނަކީ ނަރުހުންނެވެ. ފުރާނައަށް ނުރައްކާ ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރިގެން ދިއުމާގުޅިގެން ބަލިމީހުންނަށް ފަރުވާދޭނޭ މީހުން ހޯދަން ބެލިއިރު 60 ލައްކަ ނަރުހުން މަދުކަން މުޅިދުނިޔެ ދަނީ އިހުސާސް ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލް ފަދަ ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި ކޮރޯނާ ވައިރަހުގެ ސަބަބުން ނަރުހުންގެ މުހިންމުކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެގެން ހިނގައްޖެއެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނަރުހުން އަދާކުރަމުންދަނީ އެންމެ ފުރަތަމަ ސަފުގައި ތިބޭ ސިފައިންގެ ދައުރެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ވާގޮތުން ދެ މިލިއަން 80 ލައްކަ ނަރުހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްދެމުން އެބަގެންދެއެވެ.

އެ ރިޕޯޓުގައި ވާގޮތުން 2013-2018 އަށް ނަރުހުންގެ އަދަދު 4070000 އިތުރުވެގެން ދިޔައެވެ. އެކަމަކު މުޅިދުނިޔެއަށް ބަލާއިރު 60 ލައްކައެއްހާ ނަރުހުން މަދުކަން ވަނީ ފާހަގަކުރެވިފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެފުރިކާ އާއި ދެކުނު އިރުމަތީ އޭޝިޔާ އާއި މެދުއިރުމައްޗާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ނަރުހުން ވަރަށް ބޮޑަށް ވަނީ ބޭނުންވެފައެވެ.

ނަރުހުން މަދު ގައުމުތަކުގައި ނަރުހުން ތަމްރީނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެގައުމުތަކަށް ވަނީ ގޮވާލާފައެވެ. އަދި ނަރުހުން އުފެއްދުމަށް އިންވެސްޓު ކުރުމަށާއި ވަޒީފާގެ ފުރުސަތު ވީހާ ގިނައިން ހޯދައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ

އިންޓަރނޭޝަނަލް ކައުންސިލް އޮފް ނާރސަސްގެ ޗީފް އެގްޒެކްޓިވް ހާވަޑް ކެޓޮން ވިދާޅުވި ގޮތުގައި ދުނިޔޭގައި ނަރުހުން އިންތިހާއަށް މަދު ސަރަހައްދުތަކުގައި އިންފެކްޝަން އިތުރުވުމާއި ބައްޔާ ނުގުޅޭ ބޭސް ބަލިމީހުންނަށް ދިނުމާއި ނަރުހުންގެ އެހީތެރިކަން ނުލިބިގެން މަރުބާ ބަލިމީހުންގެ އަދަދު ނިސްބަތުން ވަރަށް ގިނައެވެ.

ހާވާޑް ވިދާޅުވިގޮތުގައި އިޓަލީގައި ކޮރޯނާވައިރަހާ ދެކޮޅަށް ކުރި ހަނގުރާމައިގައި 23 ނަރުހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ބަލިމީހުން ސަލާމަތްކުރުމަށް ކުރި ހަނގުރާމައިގައި ސިއްހީ ޚިދުމަތްތެރިންގެ 100 އަށްވުރެ ގިނަ މީހުން މަރުވެގެންދިޔައެވެ. އަދި އެތައް ސަތޭކަ ބަޔަކަށް ބަލިޖެހިގެން ބޭސްފަރުވާ ކުރަންޖެހުނެވެ.

ކޮރޯނާވައިރަހުގެ ޝިކާރައަކަށްވި މުއްސަދި ގައުމުތަކުން ބޮޑު މުސާރަދީގެން އެހެން ގައުމުތަކުން ނަރުހުން ވަޒީފާއަށް ގެންދިޔައިރު ފަގީރު ގައުމުތަކުގައި މަސައްކަތްކުރާނެ ނަރުހުންނެއް ނެތެވެ. އެގައުމުތަކުގެ ނަރުހުން ތިބީ ބޮޑު މުސާރައަށް އެހެން ގައުމުތަކަށް ބަދަލުވެފައެވެ. އެއީ ފަގީރު ގައުމުތަކުގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު އަނިޔާއެކެވެ.

ޚިދުމަތްކުރާނެ ނަރުހުން މަދުވެގެންނާއި ނުލިބިގެން ބައެއްގައުމުތަކުގައި ކުރިން މުސްކުޅިކޮށް ބޭނުންކެނޑި މަތާރަންފިލަޔަށް ލާފައިވާ ނަރުހުން ވެސް ހިރަފުން ފޮޅާލައިގެން ޚިދުމަތަށް ނެރެންޖެހުނެވެ. ހައިރާންވާންޖެހުނު އަނެއްކަމަކީ އެފަދަ ނަރުހުންގެ ކުޅަދާނަކަމާއި ޖެހިލުންކުޑަކަމާއި ތަޖުރިބާގެ މުއްސަނދިކަން އާދަޔާޚިލާފަށް ބޮޑުކަން ފާހަގަވެގެން ދިއުމެވެ.

ފުރާނައަށް ނުރައްކާތެރި ކޮރާނާވައިރަހަށްފަހު ނަރުހުންނާމެދު މީގެ ކުރިން ގައުމުތަކުގެ ސަރުކާރުތަކުން ދެކެމުންއައި ގޮތާއި ގެންގުޅުނު ސިޔާސަތަށް ބޮޑު ބަދަލެއް އަންނާނޭކަމަށް ގަބޫލުކުރެވެއެވެ.