މިދިޔަ އަހަރު "މިސް އިންގްލޭނޑް" ގެ ރީތީގެ ރާނީގެ މަގާމު ހޯދި، އިންޑިއާ ދަރިކޮޅުގެ 23 އަހަރުގެ ޒުވާން ބާޝާ މުކަރުޖީ އޭނާގެ ރީތީގެ ރާނީގެ ތާޖު ބޭއްވުމަށްފަހު ކޮރޯނާވައިރަސް ޖެހިފައިވާ ބަލިމީހުންނަށް ބޭސްފަރުވާކުރަން ކަށިގަނޑު ހިފައިގެން ނިކުމެއްޖެއެވެ.
"މިސް އިންގްލޭންޑް 2019"ގެ ތާޖު ލިބުމުގެ ކުރިން ބާޝާ ވަނީ މެޑިކަލް ދާއިރާއިން ދެ ޑިގްރީ ހާސިލުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ޑާރބީގައި ދިރިއުޅެމުންދާ ބާޝާ ވަނީ ބޮސްޓަންގެ ހޮސްޕިޓަލެއްގައި ޖޫނިއަރ ޑޮކްޓަރެއްގެ ވަޒީފާ ކުރިން އަދާކޮށްފައެވެ.
"މިސް އިންގްލޭންޑްގެ މަގާމަށް ހޮވުމުން އަހަންނަށް ބޮޑު ޝޮކެއް ލިބުނު. ގަބޫލުކުރަންވެސް ދަތިވި." އުފަލުން ހުރި ބާޝާގެ އިހުސާސްތައް އޭނާ ހާމަކުރިއެވެ.
"މިސް އިންގްލޭންޑް" ގެ މަތިވެރި ޝަރަފު ލިބުމުން ބާޝާގެ މަސައްކަތަކަށް ވެފައި އޮތީ ގައުމުތަކުގެ ހާލަތު ރަނގަޅުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އެމްބެސެޑަރެއްގެ ގޮތުން ގައުމުތަކަށް ދަތުރުކޮށް ޕްރޮގްރާމުތަކުގައި ބައިވެރިވުމެވެ. އެގޮތުން އޭނާ ބައެއް ގައުމުތަކަށް ދަތުރުކޮށްފައިވާއިރު، އެފްރިކާއާއި އޭޝިޔާގެ ވަރަށްގިނަ ގައުމުތަކަށް ދަތުރުކުރުމުގެ ދައުވަތު ވަނީ ލިބިފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ބާޝާ ބުނީ އޭނާގެ ރައްޓެހި ޑޮކްޓަރުންނާ ވާހަކަދެއްމުން ކޮރޯނާވައިރަސްގެ ހާލަތު އޭނާއަށް އޮޅުންފިލުވައި ދިނީ ރައްޓެހި ޑޮކްޓަރުންނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއާ ދެކޮޅަށް ނިކުންނަން އޭނާ ކަނޑައެޅީ އެހިސާބުންނެވެ. ފުރާނައަށް ނުރައްކައުތެރި ކޮރޯނާ ވައިރަހުގައި އެތައްހާސް ބަޔަކު މަރުވާން ފެށުމުން އޭނާ ގަސްތުކުރީ އޭނާގެ ހަގީގީ ވަޒީފާއަށް، ޑޮކްޓަރެއްގެ ގޮތުގައި ނިކުތުމަށެވެ.
ބާޝާ ވަޒީފާ އަދާކުރަނީ އިރުމަތީ އިންގްލޭންޑުގެ ބޮސްޓަންގެ ޕިލްގްރިމް ހޮސްޕިޓަލްގެ ޖޫނިއަރ ޑޮކްޓަރއެއްގެ ގޮތުގައެވެ.
"މިއީ ބަލިމީހުންނަށް ޓަކައި ކުރާ މަސައްކަތެއް." އޭނާ ބުންޏެވެ.
ޑޮކްޓަރެއްގެ ޚިދުމަތް ފެށުމުގެ ކުރިން މިހާރު އޭނާ ހުރީ 14 ދުވަހުގެ ކަރަންޓީނުގައެވެ.
"ޑޮކްޓަރެއްގެ ގޮތުން އަހަރެންގެ މައްޗަށް އޮތް ވާޖިބެއް ދަތި ދަނޑިވަޅުގައި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ." އޭނާ ބުންޏެވެ.
ބާޝާ މުކަރުޖީއަކީ ވަރަށް ހުނަރުވެރި، ވިސްނުން ތޫނުފިލި ޒުވާނެކެވެ، އޭނާގެ އައިކިއު ލެވެލް އުޅެނީ 146ގައެވެ. އޭނާއަކީ ހިންދީ، ބެންގާލީ، އިނގިރޭސި، ޖާރމަން، އަދި ފަރަންސޭސި ބަހުން ވާހަކަދެއްކުގެ ކުޅަދާނަކަން ލިބިފައިވާ ޒުވާނެކެވެ.