Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

360،000ރ. ގެ ކުރެހުން ބޭނުމެއް ނުކުރޭ!

ޖާދުﷲ ރިފިލް އާޓްވާކް މަސައްކަތެއް ކުރަނީ. ފޮޓޯ/ ޖާދުﷲ އެފްބީ

ސާކް ސަމިޓް ބޭއްވި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބަހައްޓަން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އައްޑޫ ސިޓީ ކައުންސިލުން 360،000ރ. އަށް ހެދި ކޮންކްރިޓް ކުރެހުން ބޭނުންކޮށްފައި ނުވާ ކަމަށާއި އެ މަސައްކަތް ކުރުވާފައި ވަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސާކް ސަމިޓް އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހިތަދޫ ފިސްފިސާގެ ޖާދުﷲ ހަމީދު އާ ހަވާލުކޮށްގެން އައްޑޫ ސިޓީ ކައުންސިލުން، އީސީސީ ޒީނަތްތެރި ކުރަން ކަމަށް ބުނެ ތައްޔާރު ކުރި ކޮންކްރިޓް ރިފިލް އާޓްވާކްގެ މަސައްކަތް ކުރުވާފައި ވަނީ އާންމުކޮށް އިއުލާން ކުރުމަކާ ވެސް ނުލަ އެވެ.

އެގޮތުން އެ މަސައްކަތް ކުރުވާފައި ވަނީ މާލިއްޔަތު ގަވައިދުގެ 8.15 ގައިވާ ގޮތުގެ މަތިން އާންމުކޮށް އިއުލާން ކުރުމަކާ ނުލައިކަމާއި، މަސައްކަތް ހަވާލު ކުރަން އެކުލަވާލި އެއްބަސްވުމުގައި މާލިއްޔަތު ގަވައިދުގެ 8.22 ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އެއްބަސްވުމުގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތްކަން ފާހަގަ ކުރެވޭ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކައުންސިލުން މި މަސައްކަތް ކުރަން އެއްބަސްވި އަގު ފަދަ މުހިއްމު މައުލޫމާތުތައް އެއްބަސްވުމުގައި ހިމަނާފައި ނުވާ ކަމަށާއި މަސައްކަތް ހަވާލުކޮށްފައި ވަނީ އޮގަސްޓް 24، 2011 އިން ފެށިގެން އޮކްޓޯބަރު 31، 2011 ގެ ނިޔަލަށް ޖާދުﷲ އަަށް މަހަކު 15،000ރ. ވެސް ދޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ތައްްޔާރު ކުރި ކޮންމެ ކޮންކްރިޓް ރިފިލް އާޓްވާކަކަށް 2،000ރ. ދޭ ގޮތަށްކަން ޖާދުﷲ ހުށަހެޅި އިންވޮއިސްތަކުން ވެސް އެނގޭ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"މި ގޮތަށް ތައްޔާރު ކުރި ކުރެހުންތަކުގެ އަގުގެ ގޮތުގައި ދޫކުރި 336،000ރ. އާއި ބޭނުންވާ ޑިޒައިން ތައްޔާރު ކުރި ފަރާތަށް މަހު މުސާރައިގެ ގޮތުގައި ދީފައިވާ 33،5500ރ. އާ އެކު ޖުމްލަ 369،500ރ. މި ކުރެހުންތައް ތައްޔާރު ކުރަން ހަރަދުކޮށްފައިވާ އިރު މިތަކެތީގެ ބޭނުން އެއްގޮތަކަށް ވެސް ކޮށްފައި ނުވާ ކަމާއި ކުރެހުންތައް ކޮންވެންޝަން ސެންޓަރުގެ ކޮޓަރިއެއްގައި ގުދަން ކުރެވިފައިވާކަން ފާހަގަ ކުރެވެ އެވެ." އޮޑިޓް ރިޕޯޓްގައިވެ އެވެ. "މި މަސައްކަތަކީ އިސްރާފު ގޮތުގައި ކުރެވިފައިވާ މަސައްކަތެއް ކަމާއި އިއުލާން ކުރުމެއް ނެތި ވަކި ފަރާތަކަށް ހަވާލު ކުރެވުނު މަސައްކަތަކަށް ވާތީ، މިއީ ވަކި ފަރާތަކަށް މާލީ ފައިދާއެއް ހޯދައި ދިނުމަށް ދައުލަތުގެ ފައިސާ އިން ހަރަދު ކުރައްވައިގެން ކުރައްވާފައިވާ ބޭކާރު މަސަައްކަތެއް ކަމުގައި ބެލެވެ އެވެ."