ހަނގުރާމަ ކުރަންޖެހިފައި ވަނީ ހަމައެކަނި ކޮރޯނާވައިރަހާ ދެކޮޅަށް ނޫންކަމަށާއި ފަގީރުކަމާއި ވަޒީފާނެތުން ނައްތާލަން ވެސް ހަނގުރާމަ ކުރަން ޖެހިފައިވާކަމުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ގައުމުގެ އިގުތިސާދަށް ކުރިމަތި ވަމުންދާ ހީނަރުކަމާގުޅޭ ގޮތުން މާލީ އަދި އިގުތިސާދީ މާހިރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޢިމްރާން ދެއްކެވި ވާހަކަފުޅުގައި ވާރުނެގުމާއި އިމާރާތް ކުރުމުގެ ސިނާއަތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގައި ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ޢިމްރާންގެ ވާހަކަފުޅުގައި ގައުމުގެ ހުރިހާ ސްޓޭޓުތަކާއި ރަށްރަށާއި އަވަށްތަކުގެ ކަމާބެހޭ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަތެވެ.
"ދިމާވެފައިވާ ދަތިތަކުން ސަލާމަތް ވުމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންވާނީ ހަގީގަތުގެމައްޗަށް ބިނާކޮށް." ބޮޑުވަޒީރު ވިދާޅުވިއެވެ.
ޢިމްރާން ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ކޮރޯނާވައިރެސް ފެތުރެމުންދަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވުރެ ލަސްލަހުންނެވެ.
"އެހެންވެ ސަރުކާރުން ރާވާފައި ވަނީ ކާރުޚާނާތައް ހުޅުވަން ހުއްދަދީ މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރަން." އޭނާ ވިދާޅުވިއެވެ. "ކޮރޯނާވައިރަހުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބުނީ ފަގީރުންނާއި އާދައިގެ މަސައްކަތު މީހުންނަށް. އެކަން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން."
ކޮރޯނާވައިރެސް ފެތުރުން ހުއްޓުވުމުގެ ގޮތުން މާޗުމަހުގެ 24 ވަނަ ދުވަހުންފެށިގެން މުޅި ޕާކިސްތާނުހެން ފުރަބަންދު ކުރެވުނެވެ. ކާރުޚާނާތަކާއި އޮފީސްތަކާއި މަދުރަސާތަކާއި ވިޔަފާރިމަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ.
ކާރުޚާނާތައް ބަންދުކުރުމުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ހޯމަދުވަހުގެ މެންދުރުގެ ރިޕޯޓުތަކަށް ބަލާއިރު ޕާކިސްތާނުގައި ކޮރޯނާ ވައިރަސްޖެހިފައި 5415 މީހުން އެބަތިއްބެވެ. އަދި 94 މީހުން ވަނީ މަރުވެފައެވެ.
ޕާކިސްތާނުން ފަގީރުކަން ނައްތާލައި، ވަޒީފާ ނެތް މީހުންގެ އަދަދު މަދުކޮށް، ގައުމުން ކޮރޯނާ ވައިރަސް ފޮހެލަން ޢިމްރާން ޚާންގެ ގުޅިފައިވާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.