Last Updated: May 14, 06:06
Tuesday, May 14, 2024
ރިޕޯޓް

ކޮންމެހެން އިނގިރޭސި އެނގުން މުހިންމުތަ؟

ގާސިމް ފްލައިމީގެ ބޮޑު މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫއަށް ވަޑައިގެން.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް އަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖޭގައި މަޝްހޫރު ބޭފުޅެކެވެ.

ސަން އައިލެންޑް ރިސޯޓް ހުޅުވި ދުވަހު އެ މަނިކުފާނު އިނގިރޭސި ބަހުން ދެެއްވި ތަގުރީރަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެ ބޭފުޅާ އަށް އެންމެ ބޮޑު ފާޑު ކިއުމެއް އަމާޒުވާ އެއް ކަންތަކެވެ.

ޤާސިމް އިބްރާހިމް އެ ދުވަހު ވާހަކަ ދެއްކެވީ އެންމެ ފުރިހަމަ އިނގިރޭސިއަކުން ނޫނެވެ. ނަމަވެސް އެ ބޭފުޅާ ވިދާޅުވާން އުޅުނު ވާހަކަ މީހުންނަށް ދޭހަވިކަން ޔަގީނެވެ. ދެން އޮތީ ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތި ލެއްވުމުން އެ ވާހަކައިގެ ވީޑިއޯ ހާއްސަވެ އެ މަނިކުފާނަށް ހަޖޫ ޖަހަން ފެށުމެވެ. ރާއްޖޭގެ ރައީސަކަށް އަންނަ ބޭފުޅަކަށް ފަރިތަކޮށް މޮޅަށް އިނގިރޭސިން ވާހަކަ ނުދެއްކެވޭ ނަމަ ރައީސް ކަމަށް ކުފޫ ހަމަނުވާ ކަމަށް ބުނުމެވެ.

މިވާހަކަ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހޫނުކޮށް ދެކެވޭ ވާހަކައެކެވެ. ތަފާތު ގޮތްގޮތަށް އެދުވަހު ޤާސިމް ދެއްކި ވާހަކައި ގެ ތަންތަންކޮޅު ލަވަ ތަކުގައި ވެސް ބޭނުންކޮށްފައި އެބަ ހުއްޓެވެ. ގާސިމަށް މިހާވަރަށް ޖެއްސުންކޮށް ފުރައްސާރަ ކުރަމުން ދާއިރު އުފެދޭ ސުވާލެއް އެބައޮތެވެ.

ރައީސުލްޖުމުހޫރިއްޔާއަކަށް ވާން ބޭނުން މީހަކު އެންމެ ފުރިހަމަ އަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުން ލާޒިމު ހެއްޔެވެ؟

ޤާނޫނު އަސާސީ އިން ރައިސުލްޖުމުހޫރިއްޔާއަކަށް ވުމުގެ ޝަރަތުތަކުގެ ތެރޭގައި ޔަޤީނުން ވެސް އެ ވާހަކައެއް ނޯވެ އެވެ. ވޯޓު ލިބިގެން ހޮވިއްޖެ ނަމަ ވާހަކަ ނުދެއްކޭ މަންމަނު މީހަކަށް ވެސް ރައީސުލްޖުމުހޫރިއްޔާކަން ކުރަން ޤާނޫނު އަސާސީ ތަންދެ އެވެ.

މީގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައި އެބަ ހުއްޓެވެ. އެފަދަ ބޭފުޅަކަށް ވެރިކަން ލިބިއްޖެ ނަމަ ތަންތަނަށް އަރުވައި ބާލަން ހަދަން ޖެހޭނީ ކިހިލީގައި ޖަހައިގެން ނޫންތޯ އެވެ. ވުމާ އެކު އަދި އިނގިރޭސި ބަސް ނޭގުމަކީ މައްސަލައަކަށް ހަދާ ނަމަ، އެ ވާހަކަ ދައްކާ މީހުން އެ ދައްކަނީ ޖޯކު ވާހަކައެކެވެ. އެކަމާ ގިނަ މީހުން އަންނަނީ ހަމަ ހިންޏެވެ.

ދިވެހި ރާއްޖޭގެ ވެރިކަމުގެ ތާރީޙަށް ބަލާލާ އިރު ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަކީ ބަހުގެ އުސްތާޒެކެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ޅެންވެރިއެކެވެ. ކަންތައްތައް ސިފަކޮށްދެއްވާފައި ހުންނަ ގޮތް އެހާ ފުރިހަމަ އެވެ.

އިލްމީ ގޮތުން ކުޅަދާނަ ބޭފުޅެކެވެ. ހާއްސަކޮށް އިނގިރޭސި ބަހަށް މޮޅު ބޭފުޅެކެވެ. ނަމަވެސް އެ މަނިކުފާންގެ ދުލުގެ ޖާދުލުން ގައުމުގައި މާކަ ގިނަ ދުވަހަކު ވެރިކަމެއް ނުކުރެވުނެވެ. ރައްޔިތުންގެ ތާއިދު ނެތިގެން އެންމެ ފަހުން އަމީން ދުނިޔެ ދޫކުރިގޮތުގެ ވާހަކަށް އިހަށް ބާއްވަމާ ހިނގާށެވެ.

ދިވެހި ރާއްޖެގެ ޖުމްހުރީ ދެވަނަ ރައީސް އިބްރާހިމް ނާސިރު އަކީ މޮޅަށް ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. ހާއްސަކޮށް އިނގިރޭސި ބަހަށް އެ މަނިކުފާން ކޮށްޓެވެ. އެހެންވެ އިނގިރޭސިން ބަހެއް ވިދާޅުވާން ވެއްޖެ ނަމަ އަރިހުގައި ތަރުޖަމާނަކު ހުންނަވަ އެވެ. ނަމަވެސް އިނގިރޭސިން އަތް ދަށުން ދިވެހި ގައުމު މިނވަންކޮށް ދެއްވީ ނާސިރުއެވެ.

ނާސިރަށް ފަހު ދެން ދިވެހި ރާއްޖޭގެ ރައީސްކަމަށް އައީ މައުމޫން އަބްދުލް ޤައްޔޫމެވެ. އެ މަނިކުފާނަކީ ބަސްމޮށުންތެރި ބޭފުޅެކެވެ. ދޫފުޅު ފަރިތަ ބަލާޢާތްތެރި ބޭފުޅެކެވެ. ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟

އެ މަނިކުފާނު "ޙުތުބާ" ވިދާޅުވެ އެވެ. ލަވަ ހައްދަވަ އެވެ. އަރަތް ހައްދަވަ އެވެ. ފަލަކީ އިލްމް އެނގިވަޑައިގަންނަވަ އެވެ. ކައިވެނިކޮށް ދެެއްވަ އެވެ. އަތޮޅުތަކަށް ވަޑައިގެން އެ އަތޮޅުތަކުގެ ބަހުރުވައިން ވެސް ކިތަންމެ ފަހަރަކު ވާހަކަ ދައްކަވާފައި އެބަ ހުއްޓެވެ.

އެ މަނިކުފާން އިނގިރޭސި ބަހަށް ވަރަށް ފަރިތަ އެވެ. ދިވެހި ބަހާ އެއްގޮތަށް އިނގިރޭސިން ވެސް މޮޅަށް ވާހަކަ ދައްކަވަ އެވެ. ނަމަވެސް އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމަކާ ދިވެހިން އެހާ ގަޔާވާ ގޮތެެއް ނުވި އެވެ.

ހޯދަން ވެގެން މި އުޅެނީ ދިވެހި ރާއްޖޭގެ ރައީސް ކަން ކުރާނެ މީހެކެވެ. ބޭނުން ވަނީ އިޤްތިސާދު ރަނގަޅު ކުރެވޭނެ ވަރުގެ މޮޅު ސިކުނޑިއެކެވެ.

ޤާނޫނަށް ހުރުމަށްތެރިކޮށް ހިތައި ޤާނޫނުގެ ވެރިކަން ދަމަހައްޓަން ކެރޭނެ މީހެކެވެ. ﷲ އަށް ބިރުވެރި ވާ މީހެކެވެ. ރައްޔިތުންނަށް "ހަރާންކޯރު" ނުވާނެ ތެދުވެރި، އިހުލާސްތެރި، އަމާނާތްތެރު މީހެކެވެ. ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް ވާހަކަ ދައްކަން ފެށުމުގެ ކުރިން ރަސޫލާގެ މައްޗަށް ސަލަވާތް ކިޔަވާނެ މީހެކެވެ. އަވަސް ކުރަން ހަދައިގެން ގާނޫނާއި ހިލާފް ނުވާނެ މީހެކެވެ.

އެއްގޮތަކަށް ވެސް އިސްކޮޅުން ދިގު، ހަށިގަނޑުން ވަރުގަދަ، ކުލަ އަލި "ސްޓައިލިިޝް" ފިލްމް ސްޓާރެއް ނުލިބިގެން ރައްޔިތުންނެެއް ނޫޅެ އެވެ.

މޮޅަށް ދޮގު ހަދާ، އިނގިރޭސި ބަހުން ވެސް ދެތިން މާނަ ހިމެނޭ ގޮތަށް ވާހަކަ ދެއްކޭ، ފުރާޅަށް އަރާ، ކަނޑު އަޑިއަށް ފީނާ މީހަކު ވަކި މުހިންމެއް ނޫނެވެ. ރައީސްކަން ކުރަން ޖެހެނީ ބަހަށް މޮޅު މީހުން ކަމުގައި ވާނަމަ މުލީ ސޯދުބެ ވެސް އެބަ ހުންނެވި އެވެ. އަދި އޮގަރު ވަހީދު ވެސް އެބަ އުޅުއްވަ އެވެ.

ދެން ޤާސިމް އިބްރާހިމްއަށް ހަޖޫ ޖަހާ މީހުންނަށް ބަލާލަމާ ހިނގާށެވެ. ސޯޝަލް މީޑިއާގައި ގަދަޔަށް މިކަން ކުރާ ގިނަ މީހުނަށް ވެސް ހުދު ފަރިތަކަމާ އެކު އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭނެ ކަމާ މެދު ހަމަ ވަރަަށް ބޮޑަށް ސުވާލު އުފެދެ އެވެ.

އެކަމަށް ޖެއްސުންކޮށް ކުރާ ކޮމެންޓުތަކުން ވެސް އެކަން ވަރަށް ސާފެވެ އަދި އަމުދުން ބައެއްގެ ކުރިމަތީގައި ކެރިގެން ވާހަކަ ދެެއްކުމުގެ ޤާބިލު ކަމެއް ނެތެވެ. ޤާސިމް އިބްރާހިމް ނަމަ ކެރިގެން ވާހަކަ އެބަ ދައްކަ އެވެ.

އިނގިރޭސި ބަސް ނޭނގިގެން ވަކި ދެރަވާކަށް ވެސް ނުޖެހެ އެެވެ. ފުރަތަމަކަމަށް އެއީ އަހަރުމުންގެ މާދަރީ ބަހެއް ނޫނެވެ. ދެވަނަ ކަމަކަށް ދުނިޔޭގައި އިނގިރޭސި ބަހުން އެއްގޮތަކަށް ވެސް ވާހަކަ ދައްކަން ނޭނގޭ ވެރިން އެބަތިއްބެވެ. މިސާލަކަށް ޗައިނާ. ޖަޕާން އަދި ބްރެޒިލް ފަދަ ބޮޑެތި ގައުމަތަކަށް ބަލައިލާށެވެ.

އިނގިރޭސިން ވާހަކަ ދައްކަން ނޭނގިގެން ބަޔަކު ކުރިނާރާނެ ނަމަ ޖަޕާން، ޗައިނާ އަދި ރަޝިޔާ ފަދަ ތަންތަން ދުވަހަކު ވެސް ކުރި ނޭރީހެވެ.

އިންޑިއާގެ ކުރީގެ ރައިސް އޭޕީ އަބްދުލް ކަލާމަކީ މޮޅަށް އިނގިރޭސި ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އަދި ފަރިތަކޮށް މޮޅަށް ވާހަކައެއް ނުދެއްކެވެ އެވެ. އަރަބި ގައުމުތަކާއި، ޔޫރަޕްގެ ގައުމުތަކުގެ ވެރިންނަށް ވެސް މޮޅަށް ވާހަކައެއް ނުދެއްކެ އެވެ. އެކަމަކު އެ ބޭފުޅުންނަކީ މޮޅެތި ބޭބޭފުޅުންނެވެ. އިނގިރޭސި ނޭގުނޭ ކިޔާފައި ހަޖޫ ޖެހުމަކީ އަމުދުން މާ ބޮޑު ޖޯކެކެވެ.

އެހެންވެ ތިމާ އެހެން މީހަކަށް ހަޖޫ ޖެހުމުގެ ކުރިން، އަމިއްލަ ނަފުސާ ދޭތެެރޭ ވެސް ފުންކޮށް ވިސްލާނުން ކީއްތޯ އެވެ؟