އައްޑޫގައި ޕިކްނިކް ދާނެ ވަކި ރަށެއް ރަނގަޅު ފެންވަރަށް ތަރައްޤީ ކުރުމާ މެދު ކައުންސިލްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ ދައުރު ދިއުމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ދެވޭނެ ތަނެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު މީހުން އާއްމުކޮށް ޕިކްނިކްދާ ހަންކެޑެ ސަރަހައްދާއި ގުޅިފައިވާ ފަޅުރަށްތައް ނޫން ތަންތަނަށް މީހުން ދަތުރު ދިއުމުގެ ޝައުގުވެރިކަން ހުރި ކަމަށް ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ ކުރިމަގުގައި ކައުންސިލްގެ އައްސޭރި ޓުރިޒަމް ޕްލޭންގެ ދަށުން މަރަދޫ އާއި ހިތަދޫ އާއި ދޭތެރޭގައިވާ ފަޅުރަށް ތައް ބޭނުން ކުރަން ފެށުމުން ޕިކްނިކް ދާނެ ތަނެއް ނޯންނާނެ ކަމަށެވެ.
އެހެންވެ ކުރިއާ ޕްލޭންކޮށް ވަކި ރަށެއް ޕިކްނިކް އައިލެޑްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ވެސް މިކަމުގައި ވިސްނާނުލެވިއްޖެ ނަމަ ވާނީ މިހާރު މާލެ ސަރަހައްދަށް ދިމާވެގެން އުޅޭ މައްސަލަ. ޕިކްނިކް ދާނެ ތަނެއް ހަމަނުޖެއްސިގެން އުޅެން ޖެހޭނީ. ހުރިހާ ރަށެއް ރިސޯޓް ހިންގަން ދޫކުރުމުން ޕިކްނިކް ދާނެ ތަނެއް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ ކައުންސިލްގެ ވިސްނުން ބޮޑަށް ހުރީ ވިލިގިލިއާއި ހެރެތެރެ އާއި ދެމެދު އޮތް މުލިކެޑެ އާއި ހިތަދޫ އާއި ދިމާލުން ހިއްކާފައިވާ ފަސްގަނޑު ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ދީގެން ކުރިއަށް ގެންދިއުމަށެވެ.
އަދި އެގޮތުން ޕިކްނިކް އައިލެންޑް ހެދިގެންދާއިރު ގިނަ ހިދްމަތްތެކެއް ގާއިމް ކުރުމަށް ކައުންސިލުން ލާޒިމް ކުރާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.
މީގެ ކުރިން 2011 ވަނަ އަހަރު ވެސް އައްޑޫގައި ދަތުރު ދާނެ ތަންތަން ތަރައްގީ ކުރާނެ ފަރާތްތައް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރި އެވެ.
ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެެއް ލިބޭ ގޮތެއް ނުވި އެވެ.