Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ލޮކްޑައުންގައި ތާށިވި މީހުނަށް ސަރުކާރުން އެހީވެއްޖެ

އިއްޔެ މެންދުރު ފަހު 3:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރިއިރު، ވަންނާނެ ތަނެއް ނެތި މަގުމަތީގައި ތާށިވި 24 މީހަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސަރުކާރު ޚަރަދުގައި ހާލުގައި ޖެހުނު ހުރިހާ އެންމެނަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ވަނީ މިހާރު ފޯރުކޮށްދީފައެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އެމީހުންނަށް ކާބޯތަކެތި ހަވާލުކުރުމަށް ފަހު މިހާރު ވަނީ ރެޑް ކްރެސެންޓުގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކަށް ބަދަލުކޮށްފައެވެ.

ހާލުގައި ޖެހުނު މީހުން ތާށިވެފައިވަނީ ގިނައިން މާލޭ މަސް މާރުކޭޓު ސަރަހައްދުގައެވެ. މާރުކޭޓުގެ އިތުރުން މަގުތަކުގައި ވެސް ބައެއް މީހުން ވަނީ މަޑުކުރަން މަޖުބޫރުވެފައެވެ.

މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކުރީ އިއްޔެ މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮސިޓިވް ވުމުންނެވެ. އޭނާއާ ކޮންޓެކްޓުވި 2 މީހަކު ވެސް މިހާރު ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖެއް ވެސް ހިމެނެއެވެ.