Last Updated: May 20, 01:49
Monday, May 20, 2024
ޚަބަރު

ސާކް ސަމިޓް އޮޑިޓް ރިޕޯޓްގެ ތަހުގީގު ފުލުހުންނަށް

ސާކް ސަމިޓް ބޭއްވި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ). ފޮޓޯ./ ހަވީރު

އައްޑޫގައި 2011 ގައި ސާކް ސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނާ ކަންކަން ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހުންނަށް އަންގަވައިފި އެވެ.

ރައީސް ވަހީދުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން ވަރުގަދަކޮށް އަލުން ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި އެއްވުމެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ކެމްޕޭން އަވަހަށް ބާރަށް ނުދާ ވާހަކަ ވާހަކަ ބައެއް ފަރާތްތަކުން ދައްކާ ކަމަށެވެ. އަދި އެއާ ގުޅުވައި ރައީސް މިރޭ ވަނީ އަވަސް އަރުވާލައިގެން ރައީސް ނަޝީދުގެ ސަރުކާރުގައި ކަން ކުރި ގޮތުގެ މައްޗަށް ޖޯކް ޖައްސަވާފަ އެވެ.

އެގޮތުން ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން 400 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފަށް ޚަރަދުކޮށްފައި ވަނީ ވެސް އަވަށް އަރުވާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ގާނޫނާ ޚިލާފަށް ގިނަ އަދެއްގެ ފައިސާތައް ޚަރަދުކޮށްފައިވާ އިރު އެ ފައިސާ އަށް ވީގޮތެއް ވެސް އެނގޭކަށް ނެތް." ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުގެ އަނެއް ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިހާރު ވާނީ ފުލުހުންނަށް ދަންނަވާފައި އެކަން ތަހުގީގު ކޮށްދެއްވާށޭ،"

ސާކް ސަމިޓް އޮޑިޓް ރިޕޯޓުން ވަނީ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފަ އެވެ.

އޭގެ ތެރޭގައި ސާކް ސަމިޓްގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގަން 16.8 މިލިޔަން އަށް ވުރެ ގިނަ ރުފިޔާ، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމަށާއި ސިފައިންނާއި ފުލުހުން ލައްވާ މަސައްކަތް ކުރުވުމަށް ފަހު ސަދަން ޔުޓިލިޓީޒް(އެސްޔޫއެލް) އަށް 5.1 މިލިއަން ރުފިޔާ ދިނުމާއި ވުޖޫދުގައި ނެތް ކުންފުންޏަކަށް އެތައް މިލިޔަން ރުފިޔާއެއް ދިނުންފަދަ ހިމެނެ އެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހިޔާނާތްވެފައި ނުވާނެ ކަމަށާއި އަވަސްކޮށް ކަންކަން ކުރަން ބޭނުންވުމުން މާލިއްޔަތުގެ ގާނޫނާ ހިލަފަށް ހަރަދު ކުރައްވާފައި ވާނެ ކަމަށެވެ.