Last Updated: June 15, 11:49
Sunday, June 15, 2025
ޚަބަރު

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭ ނުހިތުމުން: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭ ނުހިތުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވިއިރު މާލެއިން ފުރަތަމަ ފަހަރަށް މިދިޔަ ބުދަ ދުވަހު ކޮވިޑަށް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއެކު އިތުރު ހަ މީހަކު ވަނީ މާލެއިން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭ ނުހިތާތީ ކަމަށާއި އަދި އަމިއްލަ އިހުމާލުން ކަމަށެވެ.

"ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން" މައުމޫން ވިދާޅުވިއެވެ.

މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން މިއަދު ވަނީ ނިންމާފައެވެ.

އެގޮތުން މިހާތަނަށް މާލެއިން ހަތް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ. މުޅި ރާއްޖެއިން މި ބައްޔަށް 27 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.