Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އައްޑޫގެ ރަށްތަށް ވަކިކޮށް އަރައި ފޭބުން މަނާކޮށްފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިއަދު ހަވީރު 6:00 ގެ ފަހުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އައްޑޫ ސިޓީ ޓާސްކޯ ފޯހުން މިއަދު ނިންމި ނިންމުންތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އެޗްޕީއޭ އިން މިރޭ 6:00 އިން ފެށިގެން އަމަލުކުރުމަށް ނެރުނު އެންގުމުގައި ވަނީ ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

"އަޅުގަނޑުމެން ބެލީ ޖިއޮގްރެފިކް ރަށްރަށް. އެހެންވީމަ ކޯޒްވޭ ގޮތުން ގުޅިފައި ހުރި ޖިއޮގްރެފިކް އެއްވެސް ރަށެއް، ވަކިން އޮތް ރަށެއް ކަމަށްވާނަމަ އެ ރަށް އެއީ ރަށަކަށް ބަލާފައި، އެ ރަށުން އަނެއް ރަށަށް މީހުން އާންމުކޮށް ދަތުރުކުރުން ހުއްޓާލެވުނީ އެޗްޕީއޭގެ މި އެންގުމާއެކު" ސޯބެ ވިދާޅުވިއެވެ.

މި އެންގުމާއެކު ހިތަދޫ ރައްޔިތުންނަށް އެހެން ރަށަކަށް ނުދެވޭނެއެވެ. މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނަށް ހިތަދޫ އާއި ފޭދޫ އަށް ނާދެވޭ އިރު ފޭދޫ ރައްޔިތުންނަށް ގަމާއި ހިތަދޫ އަދި މަރަދޫ އަދި މަރަދޫ ފޭދޫއަށް ނާދެވޭނެއެވެ.

"އެކަން މިއަދު ހަޔެއްގެ ފަހުން ތަންފީޒު ކުރަން ފަށާނެ. އެއީ އެއްގަމުން ވިޔަސް އަދި ކަނޑު މަގުން ވިޔަސް. މި ކަންކަމަށް ރައްޔިތުން އެއްބާރުލުން ދޭން އެދެން" ސޯބެ ވިދާޅުވިއެވެ.

މި ނިންމުމުގެ އިތުރުން އައްޑޫ ޓާސްކް ފޯހުން މިއަދު ވަނީ އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދުކޮށް ޑެލިވަރީގެ ހިދުމަތް ފެށުމަށާއި، ރެސްޓޯރެންޓުތަކާއި ކެފޭތަކަށް ކައިބޮއި ހެދުމަށް ދިޔުން މަނާކޮށްފައެވެ. ނަމަވެސް އެ ތަންތަން ޓޭކްއަވޭ ޑެލިވަރީ ހެދުމަށް ދެވޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.