Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޑރ. ސާރިއުގެ ދިފާއުގައި މެޑިކަލް ބޯޑު ތެދުވެއްޖެ

ޑރ. ސާރިއު، އެއިމްސް ކްލިނިކްގައި ފަރުވާ ދެއްވަނީ

ލ. ކައްދުއަށް ދަތުރުކުރި މަތިންދާބޯޓެއްގައި، ކޮވިޑް-19 އަށް ޕޮސިޓިވްވި މީހަކާ ކޮންޓެކްޓުވި ފަސިންޖަރެއް އިންކަމުގެ މައުލޫމާތު ދެއްވައި ބޯޓު އަލުން ޖެއްސުވުމަށް ޑރ. ސާރިއު އަލި ދީދީ ކުރެއްވި މަސައްކަތަކީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ޒިންމާއެއް ކަމަށް މެޑިކަލް ބޯޑުން ބުނެފިއެވެ.

ފްލައިޓުގައި އިން ފަސިންޖަރަކު ފޯނުން ދެއްކި ވާހަކާގައި އޭނާއަކީ، މާލެއިން ފުރަތަމަ ޕޮސިޓިވްވި އަންހެން މީހާގެ ފަހަރިއަކާއެކު އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ބުނެފައިވާ ކަމަށް އެ ފްލައިޓުގައި އިން އެހެން ފަސިންޖަރަކު ސޯޝަލް މީޑިޔާގައި ލިޔެފައިވެއެވެ.

އެވާހަކަތައް އިވި ޑރ. ސާރިއު ވަނީ އިސް ޑޮކްޓަރުންނާ މައުލޫމާތު ހިއްސާ ކޮށްފައެވެ. މުޅި އާބާދީގެ ސަލާމަތަށް އިސްކަންދީ މޯލްޑިވިއަންގެ ފްލައިޓު ވަނީ ކައްދުއަށް ޖައްސަން ފަސް ވަރަކަށް މިނެޓު ވެފައިވަނިކޮށް އަނބުރާ ދަތުރު މާލެއަށް ބަދަލުކޮށް މާލެއަށް ޖައްސާފައެވެ.

އެކަމާ ގުޅިގެން ބޯޓުގައި ތިބި ބައެއް ފަސިންޖަރުން ވަނީ ޑރ. ސާރިއުއަށް ފުރައްސާރަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެއަމަލު ކުށްވެރިކޮށް މެޑިކަލް ބޯޑުން ބުނެފައިވަނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން ޑރ. ސާރިއު އަދާކުރެއްވި ގައުމީ ޒިންމާއާ މެދު ފަޚުރުވެރިވާ ކަމަށެވެ. މަދު ބަޔެއްގެ ހިތްހަމަ ޖެހުމަށް މުޅި އާބާދީގެ ސިއްހަތު ނުރައްކަލަށް ހުށައަޅަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

އަދި ފްލައިޓުގައި ތިބި ބައެއް ފަސިންޖަރުންގެ އަމަލު މެޑިކަލް ބޯޑުން ވަނީ ކުށްވެރިވެސް ކޮށްފައެވެ.