Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޑެލިވަރީގެ ހިދުމަތަށް 300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

މާލެއިން ކޮވިޑް19 ފެނިފައިވުމާއި އެކު މާލެ ސިޓީ ލޮކްޑައުންކޮށް ފިހާރަތަކުން ގެތަކަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ވޮލަންޓިއަރު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގައި 300އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެއެވެ.

އެ ފުރުސަތު ހުޅުވާލީ ރޭ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީ ކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރުވުމަށް މަސައްކަތް ކުރާނެ ވޮލަންޓިއަރުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7335426 އެ ނަންބަރަށް ގުޅުމަށް ނުވަތަ މެސެޖެއް ކުރުމަށް އެދޭ ކަމަށެވެ.

އެކަމަށް 300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެލިވަރީ ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ރިކޯޑު ސާފުކުރުމަށްފަހު ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް 7770779 އަށް ގުޅުއްވުމަށް ވެސް އެދޭ ކަމަށެވެ.

ވޮލަންޓިއަރުކޮށް ޑެލިވަރީ ކޮށްދިނުމަށް 300އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާއިރު ފުލުހުން ވަނީ ޑެލިވަރީ ކޮށްދޭ ވަގުތަށް ބަދަލުތަކެއް ގެނެސްފައެވެ. މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން މީގެކުރިން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. ހިދުމަތް ދެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއް ލިބިފައިވާ ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓު ތަކަށެވެ.