ދެވަނަ ބޮޑުހަނގުރާމައިގައި ބައިވެރިވި މިހާރު އުމުރުން 99 އަހަރުގެ މުސްކުޅިއަކު ކޮރޯނާވައިރަހާ ދެކޮޅަށް ބޭނުން ކުރަން 22 މިލިއަން ޕައުންޑް ހޯދައިފިއެވެ.
އުމުރުން 99 އަހަރުވީ ޓޮމް މޯރއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިންގެ ތެރޭގައި އުޅުނު މީހެކެވެ. މިއަދު އޭނާއަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެ ބަޠަލެއްގެ ދަރަޖަ ހޯދާފައެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާރވިސްއަށް އެހީތެރިވާން ކަމަރުބަނދެފައެވެ. އަދި އޭނާގެ މަސައްކަތުން 22 މިލިއަން ޕައުންޑް ހޯދާފައެވެ.
އޭނާ ބޭނުންވީ ކޮރޯނާވައިރަހުން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ޑޮކްޓާރުންނާއި ނަރުހުންނަށް ޝުކުރު އަދާކޮށް އެމީހުންނަށް އެހީތެރިވުމަށެވެ.
އަހަރުތަކެއް ކުރީން ބިންދައިގެން ދިޔަ ކަށިތައް ގުޅުވައި އޭނާއަށް ތެދުވެ ހިނގޭނޭ ގޮތް ހަދައިދިން ޑޮކްޓަރުންނާއި ނަރުހުންނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް ވެސް އޭނާ ހުރީ ބޭނުންވެފައެވެ.
އޭނާގެ އާއިލާގެ މީހުން އޭނާގެ ނަމުގައި ސޯޝަލް މީޑިއާގައި އެދުނީ ސިއްހީ ޚިދުމަތްތެރީންނަށް އެހީތެރިވާން އޭނާ އެދޭކަމަށާއި އެކަން ކޮށްދެއްވުމަށެވެ.
އޭނާގެ އާއިލާގެ މީހުން ގަބޫލުކޮށްގެން ތިބީ އޭޕްރީލް 30 އަންނަންވާއިރަށް 1000 ޕައުންޑު ޖަމާކުރެވޭނޭކަމަށެވެ. އޭޕްރީލް 30 ވަނަ ދުވަހަކީ އޭނާގެ 100 ވަނަ އުފަންދުވަހެވެ.
ސޯޝަލް މީޑިއާގައި އެމީހުން އެދުނު އެދުމަށް އާއްމުންނާއި ޚާއްޞަ މީސްމީހުންނާއި ކުންފުނިތަކުން އާދަޔާ ޚިލާފު ޖަވާބުތަކެއްދިނެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި 75 ލައްކަ ޕައުންޑް ދިނުމަށް ވައުދުވިއެވެ.
މޯރ ބީބީސީއާ ވާހަކަދައްކަމުން އެހުރިހާ އެންމެންނަށް ޝުކުރު އަދާކުރިއެވެ. އަދި އެއީ ނެޝަނަލް ހެލްތު ސާރވިސްގެ މީހުންނަށް ހައްގު އެއްޗެއްކަމުގައި ބުންޏެވެ.
މޯރ ހިންގި މުހިއްމު މަޝްރޫޢުގައި މަޝްހޫރު ބައެއް ޝަޚްޞިއްޔަތުންނާއި ސިފައިންގެތެރޭގައި ކުރީން މަސައްކަތް ކުރި ބައެއް މީސްމީހުންނާއި ހެލްތު ވޯކަރުންނާއި ޢާއްމުން ބައިވެރިވެ އޭނާއަށް އެހީތެރިވެދިނެވެ.
މޯރއަކީ ސިފައިންގެއަށް ވަނުމުގެ ކުރިން ސިވިލް އިންޖިއަރއެކެވެ. އޭނާ ސިފައިންގެތެރެއަށް ވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގައެވެ. އޭނާ ސިފައިންގެ ޚިދުމަތުގައި ބަރުމާއާއި އިންޑިއާގައި އުޅުނެވެ. އޭނާ ސިފައިންގެ ވަޒީފާ ދޫކޮށްލިއިރު ހުރީ ކެޕްޓަނެއްގެ މަގާމުގައެވެ.