Last Updated: June 9, 18:15
Tuesday, June 9, 2026
މުނިފޫހިފިލުވުން

ސަލްމާނަށް ޔޫކޭ ވިސާ ލިބޭ ގޮތެއް ނުވި!

ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ފުރަތަމަ ޑައިރެކްޝަން "ކިކް" ގެ ޝޫޓީން މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފަށަން ހަމަޖެއްްސި ނަމަވެސް، ސަލްމާން ހާނަށް އެެ ގައުމުގެ ވިސާ ހަމަޖެހޭ ގޮތް ނުވެގެން ފިލްމްގެ ޝޫޓިން ފެށޭ ގޮތެެއް ނުވި އެވެ.

އެހެން ނަމަވެސް ސަލްމާން ފިޔަވައި ފިލްމްގެ ބާކީ ކްރޫ މިހާރު ތިބީ ޔޫކޭގެ ގްލެސްގޯގަ އެވެ. "ކިކް" ގައި ސަލްމާންގެ ބަތަލާއަކީ ޖެކޮލިން ފެނާންޑޭޒެވެ.

ސަލްމާންގެ ވިސާގެ މައްސަލާގައި ޕްރޮޑިއުސަރާއިި ކްރޫން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. ސަބަބަކީ ފިލްމްގެ ޝޫޓިން ނުފެށި ލަސްވަމުންދާ ނަމަ، ސަލްމާން އެ ފިލްމަށް ދީފައިވާ ޝެޑިއުލްގެ ތެރޭގައި ފިލްމްގެ މަސައްކަތް ނުނިމިއްޖެ ނަމަ ޕްރޮޑިއުސަރަށް ވެސް އަދި ސަލްމާން ސޮއިކޮށްފައި ހުރި އެހެން ފިލްމްތަށް ވެސް ލޮޅުންތަކެެއް އެރުން އެކަށީގެންވާތީ އެވެ.

ސަލްމާންގެ ޔޫކޭ ވިސާ އަށް އެޕްލައިކޮށްގެން މިހާތަނަށް ވިސާ ހަމަޖެހިފައި ނުވާ އިރު، ވީހާ ވެސް އަވަހަކަށް އޭނާ އަށް ވިސާ ހަމަޖެހޭތޯ "ކިކް" ގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ މަސަައްކަތް ކުރަމުންނެވެ. އަދި އަންނަ ހަފުތާގައި ސަލްމާނަށް ވިސާ ހަމަޖެހޭތޯ ވެސް އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާނަށް ޔޫކޭ ވިސާ ލިބުމުގައި ތާށިކަމެއް އަރައިގެން އުޅެނީ މި މަހުގެ 19 ވަނަ ދުވަހަށް ކޯޓްގައި ތާވަލްކޮށްފައިވާ އޭނާގެ ކޯޓް ކޭހަކާ ގުޅިގެންނެވެ.

އެއީ 2000 ވަނަ އަހަރުގެ ތެރޭގައި މަސްތުވެގެން އިނދެ ސަލްމާން ދުއްވި ކާރެއްގައި ޖެހި ބަޔަކު މަރުވި މައްސަލާގަ އެވެ.