ސ. ހެރަތެރައިގައި ރިސޯޓެއް ތަރައްގީ ކުރަން ޝައުގުވެރި ވާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ވެސް ބީލަމަށް ލައިގެން އެއްވެސް ފަރާތަކުން އެ ރަށަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ އެޕްރީލް މަހު ބިޑަށް ހުޅުވާލީ ސ. އިސްމެހެލާހެރަ އާއި ގއ. ދިގުދު އާއި ރ. ކުޑަފުށި އާއި ފަސްމެންދު އާއި ތ. ވަންބަނދި އާއި ކަނިއާ އާއި މ. މަޑިފުށި އަދި ނ. ކުންނަމަލަ އެވެ.
އެހެން ނަމަވެސް މި ހަރް ރަށުގެ ތެރެއިން އެއް ބަޔަކު ޝައުގުވެރިކަން ފާޅު ނުކުރީ އިސްމެހެލާހެރަ އާއި ރ. ކުޑަފުއްޓަށެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އިސްމެހެލާހެރަ އަކީ ރިސޯޓެއް ނުވަތަ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން އެކަށީގެންވާ ރަށެއް ކަމަށެވެ. އެހެންވެ އަދި ވެސް އެ ރަށް ބިޑަށްލައިގެން އެކަން ކާމިޔާބް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ވާހަކަ ދައްކަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރުން ފެށިގެންނެވެ.
އެގޮތުން އެ ރަށް ރިސޯޓަކަށް ހައްދަވައި ދެއްވާނެ ކަމަށް ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވައުދުވެ ވަޑައިގެންފައިވެ އެވެ.