Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޕޮޒިޓިވްވި 80 އަހަރުގެ މީހެއް އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 80 އަހަރުގެ މީހެއް އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ކޭސް ނަންބަރު 81 މިއަދު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިއަދު މާލެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުންނެވެ. އެޗްޕީއޭ އިން ބުނީ މި 13 މީހުންނާއި އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 62 އަށް އަރާފައިވާ ކަމަށެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 82 އަށް އަރާފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް މީހަކު ބަދަލު ކޮށްފައި މިވަނީ މިހާތަނަށް އެއްވެސް މީހެއްގެ ހާލަތު ގޯސްވެގެން ނުދާ ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަކަށް އެއްވެސް މީހަކު ނުދާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވަނިކޮށެވެ.