Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

263 ބޮކި ދަނޑި އަދިވެސް ނުޖަހައި އެބައޮތް!

ސަމިޓަށް ގެނައި ބައތި ތަކުގެ ތެރެއިން ގަމުގެ ކޯޒްވޭގައި ޖަހާފައި ހުރި ބައްތިތައް.

ސާކް ސަމިޓް ދުވަސްވަރު އައްޑޫއާއި ފުވައްމުލަކުގެ މަގުތަކުގައި ބޮކި ދަނޑިތައް ޖެހުމަށް މިނިސްޓްރީ އޮފް ފޮރިންއެފެއާޒުން، ސަދަން ޔުޓިލިޓީ މެދުވެރިކޮށް 500 ބޮކި ދަނޑި ގަތުމަށް ގިނަ އަދަދެއްގެ ފައިސާ ދީ ބޮކި ގެނެސްފައިވާ އިރު އޭގެ ތެރެއިން 263 ބޮކި ދަނޑި ނުޖަހައި އެބައޮތް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އައްޑޫ އާއި ފުވައްމުލަކުގެ މަގުތަކުގައި ބައްތި ޖެހުމަށް ބައްތި ދަނޑި ގަތުމަށް ފޮރިން މިނިސްޓްރީން ވަނީ 3،528،250.20 (ތިން މިލިއަން ފަސްލައްކަ އަށާވީސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ ވިހި ލާރި) ސަދަން ޔޫޓިލިޓީ އަށް ދީފައެވެ.

އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ބޮކި ދަނޑި ޖެހުމަށްޓަކައި 500 ބުޑު ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ މެދުވެރިކޮށް ހައްދާފައެވެ. އެކަމަށް 541،150ރ (ފަސްލައްކަ ސާޅީސް އެއްހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ވަނީ ކައުންސިލުން ހަރަދުކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ސަމިޓް ނިމުނު އިރު ނުޖެހި އޮތް 263 ބޮކި ދަނޑީގެ އަގަށް 1،625،831.74 (އެއްމިލިއަން ހަ ލައްކަ ފަންސަވީސް ހާސް އަށްސަތޭކަ އެއްތިރީސް ރުފިޔާ ހަތްދިހަ ހަތަރު ލާރި) އަރާ އިރު އެހަރަދަކީ ސީދާ ސަމިޓަށް ކުރި ހަރަދު ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހުޅުމީދޫގެ ބޮޑު މަގުގައި ސަމިޓް ނިމުނު އަރު ބައްތި ޖެހިފައިނުވާ އިރު އަދިވެސް ކައުންސިލުން އަންނަނީ ސަދަން ޔޫޓިލިޓީ (މިހާރުގެ ފެނަކަ) އަތުން މަސައްކަތަށް ހިނގާނެ ހަރަދު ހޯދުމަށް މަަސައްކަތް ކުރަމުންނެވެ. ނަމަވެސް ސަމިޓް ރިޕޯޓުގައި ވާ ގޮތުން ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ސަދަން ޔޫޓިލިޓީއަށް ދީފައިވަނީ ގެނެސްފައިވާ 500 ބައްތި ދަނޑި ޖެހުމަށެވެ.

ހުޅުމީދޫގެ ބޮޑުމަގުގައި ބައްތި ނުޖެހިގެން އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުން އަންނަ އިރު މިކަން ނުކުރެވި އޮތީ ކޮން ސަބަބަކާއި ހެދިކަން ރައްޔިތުންނަށް އޮޅުން ފިލާ ގޮތް ނުވެފައެވެ.

އައްޑޫ އަދި ފުވައްމުލަކުގައި ބޭއްވި ސާކް ސަމިޓް ދުވަސްވަރު އައްޑޫ އާއި ފުވައްމުލަކުގެ މަގު ހެދުމާއި ފެނާއި ނަރުދަމާ އަދި ކޮންވެންޝަން ސެންޓަރުގެ ގިނަ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަދަން ޔޫޓިލިޓީ އާއި އެވެ. އަދި އެކުންފުންނަށް އެތައް ސަތޭކަ މިލިއަން ފައިސާދީފައިވާ އިރު ފައިސާ ބޭނުން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ތުހުމަތު ކޮށްފައިވެއެވެ.

އަދި އޮޑިޓަރ ޖެނެރަލް އަންނަނީ ސަދަން ޔޫޓިލިޓީގެ އޮޑިޓެއް ކުރަމުންނެވެ.