Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

މީދޫ އިޖްތިމާއީ ސެންޓަރު "ބޯ ޖަންގަޔަކަށް"

ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓުގައި ގަދަޔަށް ވިނަ ހެދިފައި. ފޮޓޯ: ވީއޯއެމް

މީދޫ އިޖްތިމާއީ ސެންޓަރު ނުބެލެހެއްޓި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެތަނުގައި ގަދައަށް ވިނަ ހެދި ބޯ ޖަންގައްޔަކަށް ބަދަލުވެއްޖެ އެވެ.

މީދޫން ވާހަކަ ދެއްކި ޒުވާނަކު މިއަދު ބުނީ "ސޯޝަލް ސެންޓަރު" ބަލަހައްޓާނެ ބަޔަކު ނެތުމުން އެތަނުގައި ވިނަ ހެދި ޖަންގައްޔަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ވޮލީ ކޯޓު ގައިވެސް މިހާރު ގަދަޔަށް ވިނަ ފަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީދޫ ސޯޝަލް ސެންޓަރު ބަލަހައްޓަމުން ގޮސްފައިވަނީ މީދޫ ޒުވާނުންނެވެ. އަދި ރަސްމީކޮށް އެތަން ބަލަހައްޓަން މީދޫ އޮފީހުން ހަވާލުކޮށްފައި ވަނީ މީދޫ ކޯޕަރޭޓިވް ކޮމިއުނިއަމް(އެމްސީސީ) އާ އެވެ.

މިދޫ ސޯޝަލް ސެންޓަރަކީ ސިޔާސީ ޕަޓީތަކުގެ ބައްދަލުވުން ބޭއްވުމަށާއި ބައެއް ކަހަލަ ބައްދަލުވުން އާއްމު ގޮތެއްގައި ބާއްވާ ތަނެކެވެ، އަދި އިންތިހާބުގެ ވޯޓު ފޮށި ބަހައްޓާ އެއްތަން ވެސް މެ އެވެ.

ނަމަވެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިއާސީ އިންތިހާބުގައި ކެމްޕެއިން ކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތަކަށް އަދި މިތަން ބޭނުން ނުކުރެއެވެ.

މީދޫން ވާހަކަ ދެއްކި ޒުވާނާ ބުނީ ޖަމިއްޔާގައި އެތަން ބެލެހެއްޓޭނެ ގާބިލް މީހުން ތިބި އިރު އެތަން ނުބެލެހެއްޓި އޮތީ އެމީހުންގެ ފަރުވާ ކުޑަކަމުންނެވެ.

އައްޑޫގައި ތިބި އެހެން އިޖްތިމާއީ ސެންޓަރުތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކުރާއިރު މީދޫ ސޯޝަލް ސެންޓަރަށް އެއިން އެއްވެސް އެހީތެރިކަމެއް ނުލިބޭކަމަށް އެޒުވާނާ ބުންޏެވެ. އަދި އެފަދަ މާލީ އެހީއެއް ލިބޭ ނަމަ ތަން ބަލަހައްޓަން ފަސޭހަ ވާނެ ކަމަށް އޭނާ ބުންޏެވެ.

މީދޫ ސޯޝަލް ސެންޓަރުގައި ކޮންމެ އަހަރަކު އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތް ބާއްވަމުން އަންނަ އިރު މިއަހަރުވެސް މުބާރާތް ބާއްވާނެކަމަށް އެމްސީސީން ވަނީ ބުނެފައެވެ. އަދި މުބާރާތަށް ސޯޝަލް ސެންޓަރު ވަރަށް ފުރިހަމައަށް ޖަމިއްޔާއިން ތައްޔާރު ކުރެއެވެ.