ކޮރޯނާވައިރަސް ވަބާގެ ސަބަބުން އިނގިރޭސި ރާނީ ކްއީން އެލިޒަބަތު II ގެ 94 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ސާދާ ގޮތަކަށެވެ. ކުލަގަދަ އެއްވެސް ރަސްމިއްޔާތެއް ނެތެވެ.
މިއީ ރާނީ ވެރިކަމުގައި ހޭދަ ކުރެއްވި 68 އަހަރުގެތެރޭގައި އެކަމަނާއަށް އުފަންދުވަހުގެ މުނާސަބާގައި ބަޑީގެ ސަލާމް ނުކުރެވުނު ފުރަތަމަ އަހަރެވެ.
ރާނީގެ އުފަންދުވަހުގެ މުނާސަބާގައި ކޮންމެ އަހަރެއްގެ ޖޫންމަހު އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޚާއްޞަ ކުލަގަދަ ރަސްމިއްޔާތު ވެސް މިއަހަރު ނުބާއްވާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރާނީގެ އުފަންދުވަސް ފާހަގަކުރަނީ ކުލަގަދަގޮތަކަށެވެ. ސަރުކާރުގެ ފެންވަރުގައްޔާއި އާންމުފެންވަރުގައެވެ.
ރާނީގެ އުފަންދުވަސް ފާހަގަކުރަން ޚާއްޞަ ރަސްމިއްޔާތެއް ޕާޓީއެއް ނުބޭއްވުމަށް ރާނީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެދިވަޑައިގެންފައެވެ.
ކުޑަދުވަސްކޮޅެއް ކުރިން ރާނީ ދެއްވި ޚާއްޞަ ޚިޠާބެއްގައި އިނގިރޭސި ސަރުކާރާއި ޞިއްޙީ އިދާރާތަކާއި އެތަންތަނުގެ މުއައްޒިފުން ކޮރޯނާވައިރަސްގެ މައްޗަށް ކާމިޔާބު ހޯދާނޭކަމުގެ ޔަގީންކަން އިނގިރޭސި ރައްޔިތުންނަށް ދެއްވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ ގަނޑުވަރުން ނިކުމެވަޑައިގެން ރާނީ މިހާރު އުޅުއްވަނީ ފިރިކަލުންނާއެކު ވިންޑްސާ ކާސްލްގައެވެ.
ރާނީގެ ދޮށީދަރިކަލުން ޕްރިންސް ޗާރލްސްއަށް ކޮރޯނާވައިރަސް ޖެހިވަޑައިގަތެވެ. ނަމަވެސް ބޭސްފަރުވާކޮށް އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު މިހާރު ރަނގަޅެވެ.
އަންގާރަދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިގެން އިނގިރޭސިވިލާތުން 16500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ބަލިޖެހިފައިވާ 125800 އަށްވުރެ ގިނަ މީހުން އެގައުމުގައި އެބަތިއްބެވެ.