Last Updated: July 3, 13:55
Thursday, July 3, 2025
ދުނިޔެ

ކޮރޯނާވައިރަސް ނެތްކަމަށް ބުނާ "ނަސީބުގަދަ" 15 ގައުމު

ދުނިޔޭގެ 213 ގައުމަކުން ކޮރޯނާވައިރަހުގެ އަސަރު ފެނިއްޖެއެވެ. އެނުރައްކާތެރި ބަލި 250,00000އަށްވުރެ ގިނަމީހުން ތަޙައްމަލު ކުރަމުންދާއިރު 171000 އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

އެންޓާޓިކާ ފިޔަވައި ކޮރޯނާވައިރަސް ނެތް ބައްރެއް ނެތެވެ. މި ނުރައްކާތެރި ވައިރަސް ނެތް ސަރަހައްދެއް ދުނިޔޭގައި ނެތްކަމަށް ވާހަކަދެކެވެމުންދާއިރު ދުނިޔޭގެ 15 ގައުމަކުން އެގައުމުތަކުގައި ކޮރޯނާވައިރަސްގެ އެންމެ ބަލިމީހަކުވެސް ނެތްކަމަށް ބުނެ ދައުވާ ކުރަމުން އެބަދެއެވެ.

އެފްރިކާގެ ދެ ގައުމު

ކޮރޯނާވައިރަސް ނެތްކަމަށް ބުނެ ދައުވާ ކުރަމުންދާ އެފްރިކާގެ ދެ ގައުމަކީ ލެސޫތޫ އާއި ކޮމޯރޯސް އެވެ. މި ދެ ގައުމަށް ވައިރަސް ފެތުރިގެން ނުދިއައީ އެ ދެ ގައުމަށް އާންމުކޮށް ފަތުރުވެރިން ދަތުރުނުކުރާތީ ކަމަށް ބެލެވެއެވެ.

އޭޝިއާގެ ތިން ގައުމު

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ނެތްކަމަށް ބުނާ އޭޝިއާގެ ތިން ގައުމަކީ އުތުރު ކޮރެއާއާއި ތަޖިކިސްތާނާއި ތުރުކުމެނިސްތާނެވެ.

އުތުރު ކޮރެއާއަކީ ޗައިނާއާއި އަވަށްޓެރި އަދި ގުޅުންބޮޑު ގައުމެކެވެ. ޗައިނާއާ އަވަށްޓެރި ހުރިހާ ގައުމަކަށް ވަނީ ކޮރޯނާވައިރަސް ފެތުރިފައެވެ.

އުތުރުކޮރެއާއިން ބުނާ ގޮތުގައި އެގައުމުގައި ކޮރޯނާވައިރަހެއް ނެތެވެ. ނަމަވެސް އުތުރު ކޮރެއާއަކީ ސިއްހީ ނިޒާމު ދޯހަޅިކަމަށް އަޑުއަރާފައިވާ ގައުމެކެވެ.

ތުރުކުމެނިސްތާނަކީ ސަރަހައްދީ ގޮތުން އީރާނާ ގުޅިފައިވާ ގައުމެކެވެ. ކޮރޯނާވައިރަސް ބާރަށް ފެތުރިގެން ދިޔަ ގައުމުތަކުގެ ލިސްޓުގައި އީރާނު ހިމެނުނެވެ. ތުރުކުމެނިސްތާނަކީ "ކޮރޯނާ"ގެ ނަން ބޭނުންކުރުން މަނާކުރެވުނު ގައުމެކެވެ.

ތަޖިކިސްތާނަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ގައުމެކެވެ. ކަން އެހެން އޮތުމުން ތެދު ދޮގު ހޯދުން ނޫސްވެރިންނަށް އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައެވެ.

އޯޝަނިއާ ސަރަހައްދުގެ ގައުމުތައް

ކޮރޯނާވައިރަސް ނުޖެހޭކަމަށް ބުނާ އޯޝަނިއާ ސަރަހައްދުގެ ގައުމުތަކަކީ ދަ ސޮލޮމޮން އައިލޭންޑްސް، ވަނުއާޓޫ، ސަމޮއާ، ކިރިބަތީ، ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކޮރޯނޭޝިއާ، ޓޮންގޯ، ދަ މާޝަލްލް އައިލޭންޑްސް، ޕަލާއޫ،ޓުވާލޫ،ނައުރޫ އެވެ.

މައިކޮރޯނޭޝިއާއާއި ވަނުވާޓޫއާއި ކިރިބަތީއާއި ޓޮންގޯގައި ވަނީ އިމަޖެންސީ ގާއިމުކޮށްފައެވެ. އަދި އެއްވެ އުޅުން ވަރަށް ބޮޑަށް މަނާކޮށް ސަރަހައްދު ބަންދުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ވަނީ ވަރަށް ވަރުގަދަ ކުރެވިފައެވެ. ސޮލަމަން އައިލެންޑަކީ ވެސް ގައުމަށް ވަދެނިކުމެ ވުމަށް ހުރަސް އަޅާފައިވާ ގައުމެކެވެ.

އޯޝޭނިއާގެ ގައުމުތަކަކީ އާބާދީ ވަރަށް މަދު ކުދި ގައުމުތަކެކެވެ.