Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އޭޓީއެމް ތަކުން ފައިސާ ޖަމާކުރެވޭ އަދަދު އިތުރު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އޭޓީއެމް މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ޖަމާ ކުރެވޭ އަދަދު 500،000 ރުފިޔާ އަށް އިތުރުކޮށްފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑް-19 ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ލޮކްޑައުން އާ ގުޅިގެން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެބޭންކުން އެންމެ އިސްކަންދޭކަން ކަމަށެވެ. އަދި ލޮކްޑައުން މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދު ކޮށްފައިވާއިރު ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހަމަޖައްސާފައެވެ.