Last Updated: June 9, 18:15
Tuesday, June 9, 2026
ވިޔަފާރި

ކޮންމެ ތިނެކުން ދޭއް ވަތަނިއްޔާގެ ކަސްޓަމަރަކަށް

ވަތަނިއްޔާ އިން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށިތާ މި މަހު އަށް އަހަރު ފުރުނު އިރު، ރާއްޖޭގެ ކޮންމެ ތިން މީހަކުން ދެ މީހަކީ ވަތަނިއްޔާގެ ކަސްޓަމަރެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނަނީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގައި އެ ކުންފުނި އެންމެ އިސް ސަފުގައި ހިމެނޭ ކަމަށެވެ.

ވަތަނިއްޔާ އިން ބުނީ އެ ކުންފުނީގެ ނެޓްވޯކް ވަރުގަދަ ކުރަން ފެށި ފަހުން 2ޖީ ނެޓްވޯކް 99 ޕަސެންޓް ކަވަރު ކުރެވިފައިވާ އިރު، 3ޖީ ނެޓްވޯކް 75 ޕަސެންޓް ކަވަރު ވެފައިވާ ކަމަށެވެ. އަދި ދާދި ފަހުން ދޭން ފެށި 4 ޖީ ނެޓްވޯކް 32 ޕަސެންޓް ކަވަރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތްތަކާ އެކު ރާއްޖެ އަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނީ އެތައް ވަސީލަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް އެންމެ ފުރަތަމަ ފަހަރަށް 4 ޖީގެ އެންމެ ހަލުވި އިންޓަނެޓުގެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި ފެހި ހިދުމަތުގެ ތެރެއިން ސިންގަލް ރޭން މޮނޮޕޯލް ހިދުމަތް ވެސް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީ އެ ކުންފުނި ކަމަށް ބުނެފައިވެ އެވެ.

ވަތަނިއްޔާ އިން ބުނީ އެ ކުންފުނީގެ ކާމިޔާބީއަކީ އަކީ ކަސްޓަމަރުންގެ އެއްބާރުލުމާއި މުވައްޒަފުންގެ ބުރަ މަސައްކަތާއި ޓެކްނޮލޮޖީ ކުރިއެރުމަށް ރަނގަޅު އުމްރާނީ ތަރައްގީ އަށް އިންވެސްޓްކުރުން ކަމަށެވެ.