Last Updated: July 1, 00:12
Tuesday, June 30, 2026
ރިޕޯޓް

އަސާސީ ހިދުމަތްތައް އޮޅުންގަނޑެއްގެ ތެރެއަށް

މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ސަޕްލައި ފެން ދޫކުރަން ބެހެއްޓި ޓޭންކެއް. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ރައްޔިތުން މިއަދު އުޅެމުން މިދަނީ ބޮޑު ވާނުވާއެއްގެ ތެރޭގަ އެވެ. ޖަޕާން ސަރުކާރުން ހިތަދޫ އާރްއެފްގައި މަރުކަޒީ އިންޖީނުގެއެއް ބިނާކޮށް ކަރަންޓް ދިން ފަހުން މިފަދަ ދުވަސްތަކާއި ކުރިމަތިލާފައި ނުވެ އެވެ. އިންޖީނު ގެއިން ބަރާބަރަށް ކަރަންޓްގެ ހިދްމަތް އައީ ލިބެމުންނެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެޅުނު ތަނަކަށް ވުމުން އޭރު އެތަން ހިންގަމުން އައީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ.

އޭގެ ފަހުން ތިން އަހަރު ވެރިކަން ކުރެއްވި މުހައްމަދު ނަޝީދު ސަރުކާރާ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫގެ ފެނާއި، ކަރަންޓާއި ނަރުދަމާގެ ހިދްމަތް ފޯރު ކޮށްދިނުމަށް ސަދަން ޔޫޓިލިޓީ (އެސްޔޫއެލް) ގެ ނަމުގައި ކުންފުންޏެއް އުފައްދައި ކުރިން ސްޓެލްކޯއިން ހިންގި އިންޖީނުގެ އާއި އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި އޮތް މަގު މަރާމާތު ކުރާ ޔުނިޓް އެސްޔޫއެލް އާއި ހަވާލު ކުރި އެވެ. އަދި އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައި އެސްޔޫއެލް އާ ފެނާއި ނަރުދަމާގެ ހިދްމަތް ދިނުމަށް ހަވާލު ކުރި އެވެ.

ފެންރުއަރީ 7، 2012 ގައި ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުން މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެންމެ އަވަސް ކަމެއް ދެއްވައިގެން ކުރެއްވި އެއްކަމަކީ ސަދަން ޔޫޓިލިޓީ އުވާލަ ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށައް އެސްޔޫއެލްގެ ނަމުގައި ތިބި ހުރިހާ މުދަލަކާއި މުވައްޒަފުން ބަދަލު ކުރުމެވެ.

އެއާއި އެކު އެސްޔޫއެލް އާއި އެކު އެއްބަސްވުން ހަދާފައިވާ ބައިވޯޓާ އިން އައްޑު އަށް ފެނާއި ނަރުދަމާ ދިނުމަށް ކުރި މަސައްކަތަށް ހުއްޓުން އެރި އެވެ.
އިންޖީނުތައް މަރާމާތު ނުކުރެވި ހުރުމުން އިންޖީނުތަކަށް މައްސަލަ ޖެހި ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑެން ފެށުނެވެ. ކަރަންޓް ކެޑުން އާއްމުވެ ގިނަ އިރު ވަންދެން ކަރަންޓްގެ ހިދްމަތުން އާއްމުން މަހްރޫމްވާން ފެށި އެވެ.

ކަރަންޓް ދިނުމާއި ހަވާލުވި ފެނަކަ ކޯޕަރޭޝަނުން ހުރިހާވެސް ޒިއްމާއެއް އަޅުވަނީ ކުރިން އިންޖީނުގެ ހިންގި އެސްޔޫއެލްއާއި އެވެ. އިންޖީނުތައް ސާވިސް ނުކޮށް ސްޕެއާ ނުގަނެވާ ކަމުގެ ޝަކުވާ އެވެ. އަދި އިންޖީނުގެއިން ފައިދާ ނުވާ ކަމަށް ފެނަކައިން ދަނީ ބުނަމުންނެވެ.

އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދަމާ އަށް ބޮޑު ހަރަދުތަކެއް ނަޝީދުގެ ސަރުކާރުން ކޮށްފައިވާކަން މިއަދު މިވަނީ ސަމިޓްގެ އޮޑިޓް ރިޕޯޓުން ފަޅާއަރާފަ އެވެ.
އައްޑޫގެ މަގު ހެދުމާއި ކަރަންޓާއި ނަރުދަމާ އަށް ބޮޑު ހޭދައެއް ކޮށްފައިވާ އިރު އެކަމުގެ ހެޔޮ ނަތީޖާއެއް ނުފެނެ އެވެ. ސަމިޓާ ދިމާކޮށް ގެނައި ޖަނަރޭޓަރު ގަތުމަށް އެސްޔޫއެލް އިން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އަދި އޭގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް މަތި ކަމަށް ރިޕޯޓްގައިވެ އެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި ވާއިރު މިދިޔަ ހަފްތާގައި ރައީސް ވަހީދު ވަނީ އަނެއްކާ ވެސް އައްޑޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ދިނުމަށް މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކު ރުމަށް ނިންމާފަ އެވެ.

މިގޮތަށް ސަރުކާރުން ނިންމެވި އިރު ފެނަކަ އިން ވަނީ އައްޑޫގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިންޓަނެޝަނަލް ބިޑަށް ހުޅުވާލާފަ އެވެ. އަދި އޮގަސްޓް 4 ގައި ބިޑް ހުށަހެޅުމަށް ވަނީ އިއްލާންކޮށްފައެވެ.

ކަރަންޓް ކެޑުމުގެ މައްސަލަ ހައްލު ކުރުމަށް ދެ މެގަވޯޓް އިންޖީނެއް ގަނެފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

އައްޑޫގެ އެންމެ މުހިއްމު އަސާސީ ހިދްމަތް ދިނުން މިއަދު ހަގީގަތުގައި މިވަނީ ބޮޑު އޮޅުން ގަޑެއްގެ ތެރޭގަ އެެވެ. އެސްޔޫއެލް އާއި ސަރުކާރުން ހަވާލު ކުރި ފައިސާ ހަރަދުކުރިގޮތް އޮޑިޓަރ ޖެނެރަލް އަންނަނީ ބަލަމުންނެވެ. އެނގޭ އެއްޗަކީ އެ ކަމަށް ކުރި ހަރަދާއި ގާތަށް ވެސް ހިދްމަތް ލިބިފައި ނުވާކަމެވެ.

އަނެއްކޮޅުން ވަހީދު ރައީސްކަމާ ހަވާލުވެ ވަނީ ކުންފުނި އުވާލައިފަ އެވެ. އެހެންވެ ގިނަ އެއްބަސްވުންތައް ވެސް ވަނީ އުވިފަ އެވެ. ނަތީޖާއަކީ އެއްބަސްވެފައިވާ މުއްދަތަށް ކަންކަން ނުނިމުމެވެ، އެެހެންވެ އެކަމަށް އަނެއްކާ ވެސް ދިގު މުއްދަތެއް ނަގާނެ އެވެ.

އެމްޑަބްލިއުއެސްސީ އާއި ހަވާލު ކުރުމުން ދެންވާނެ ގޮތަކާއި މެދުވެސް ވަނީ އެތައް ސުވާލެއް އުފެދިފައެވެ. އެންމެ ފުރަތަމަ ކުންފުނީގެ ތިބި ދިގު މުއްދަތަކަށް ހިދްމަތް ކުރި މުވައްޒަފުންގެ ކުރި މަގެވެ.
ދެން އޮތީ ހިދްމަތުގެ އަގެވެ. ޖަޕާންގެ ހިޓާޗީ ކުންފުނީގެ 20 އިން ސައްތަ ހިއްސާއޮތް އެމްޑަބްލިއުއެސްސީން އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދާއަށް ނަގާނެ އަގުގެ ކަންބޮޑުވުމެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއްގެ ބަދަލުގައި ބޭރުގެ ހިއްސާއޮތް ކުންފުނިން ހިދްމަތުގެ އަގު ބޮޑު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ނަމަ އައްޑޫ ރައްޔިތުން އުޅެން ޖެހޭނީ ހާދަ ބޮޑު ތަކްލީފެއްގަ އެވެ.

ހަގީގަތުގައި ވެސް އައްޑޫގެ ފެނާއި ކަރަންޓާއި އަދި ނަރުދަމާގެ ކަންކަން މިވަނީ ގޮތް ނޭނގޭ ބޮޑު އަނދިރި ކަމެއްގެ ތެރޭގަ އެވެ. މިކަމަށް ހަގީގީ އުންމީދެއް އެނގޭ މީހަކު ވެސް ނެތެވެ.