Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

އައްޑު އަށް 2،540 ލެޑް ލައިޓް ދީފި

އައްޑޫގެ ރާރު އަޅައިގެން ހަދާފައިވާ މަގުތަކެއް: މަގުތަކުގައި ޖެހުމަށް މިނިސްޓްރީ ވަނީ ލައިޓް ދީފައި. ފޮޓޯ/ ކިއުންތެރިއެއް

"ފަހި އަލި" މަޝްރޫއުގެ ދަށުން 2،540 ލައިޓް އައްޑޫ ސިޓީ ކައުންސިލަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ހަވާލުކޮށް ދެއްވައިފި އެވެ.

މި ބައްތިތަކާ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް ލަބީބެވެ.

ބަނދަރު ބައްތިތައް ތިމާވެށްޓާ ރައްޓެހި ބައްތި އަށް ބަދަލު ކުރުމުގެ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހަތަރު ބަނދަރެއްގެ ބައްތިތައް ބަދަލު ކުރަން 200 ލައިޓް މި ރަސްމިއްޔާތުގައި އެރަށްތަކާ ހަވާލުކޮށްފައިވެ އެވެ. އެގޮތުން އައްޑު އަށް ލިބިފައިވައުި ވަނީ 50 ބަނދަރުމަތީ ލައިޓެވެ. އެ ލައިޓްތައް ޖެހުމަށް ހަމަޖެހިފައި ވަނީ މިހާރު އަލަށް ހަދާ ނިމިފައިވާ ހިތަދޫ ބަނދަރުގަ އެވެ.

މީގެ އިތުރުން ވެސް ފަހި އަލި ޕްރޮޖެކްޓްގެ ދަށުން މާލެ އާއި އަތޮޅުތަކަށް ބަހަން ނިންމާފައިވާ ހަކަތަ މަދުން ބޭނުންކުރާ ލެޑް ހޮޅިބުރި ތަކުގެ ތެރެއިން 4 ފޫޓްގެ 2،540 ޓިޔުބު ލައިޓް އައްޑު އަށް ލިބިފައިވެ އެވެ.

ނަމަވެސް މިއާ އެކު ލިބިފައި ވަނީ 540 ތަންމައްޗެވެ. މި ހޮޅިބުރިތައް އައްޑޫގެ އެކި ރަށްރަށް ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.

ބަނދަރުތަކުގެ ބައްތިތަކާއި މަގުބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމުން ކަރަންޓަށް ކުރާ ޚަރަދުން ބޮޑުބައެއް ސަލާމަތް ކުރެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.

ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ތާއީދުކުރެ އެވެ.