Last Updated: June 9, 18:15
Tuesday, June 9, 2026
ރިޕޯޓް

މަގުތައް ދިއްލަން ބޮޑު ހަރަދެއް ކުރެވޭ: ކައުންސިލް

ފޭދޫ ބޮޑު މަގު: ފޮޓޯ/ އައްޑޫ ލައިވް

ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތަކަށްވާ އިރު މި ޚިދުމަތް އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށް ދެވެމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހަތަރު އަވަށުގެ އިޖްތިމާޢީ ސަރަހައްދުތަކާއި ބަނދަރުތަކާއި މަގުތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ކައުންސިލުން ވަނީ ކާމިޔާބުކަމާއެކީ ކޮށްފައިވާ ކަމަށެވެ.

މިގޮތުން 2011 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން މި މަސައްކަތް ކުރުވަން 597،180.00 ރުފިޔާ ހޭދަކޮށްފައިވާ އިރު 2012 ވަނަ އަހަރުވެސް ހަމަ އެދަދަށް ކައުންސިލުން ވަނީ ހޭދަކޮށްފަ އެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމުގެ ޚިދުމަތް ދެއްވުމަށް ކައުންސިލުން ވަނީ، 1،194،360.00 ރުފިޔާ ހޭދަކޮށްފަ އެވެ.

މަގުތައް ދިއްލުމަށް ކައުންސިލުން ކުރާ ހޭދަ އިތުރު ވަމުންދާ އިރު، ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް ކައުންސިލުން ބުނެ އެވެ.

މަގުމަތީ ބައްތި މަރާމާތުކުރުމާ އެކީ ޒަމާނީކުރުމަށް ވެސް ކައުންސިލުން ވަނީ މަސައްކަތް ފަށާފައި ކަމަށް ކައުންސިލުން ބުނެ އެވެ.

އެގޮތުން ފޭދޫ އަވަށުގައި އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހަދާފައިވާ މަގުގެ ދެ ފަރާތުގައި ބައްތި ޖެހުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ހިތަދޫގެ އެކި ސަރަހައްދުތަކުގައި ޖަހާފައިވާ 714 ބައްތި މަރާމާތުކޮށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދުމަށް ވެސް ދާދި ފަހުން ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.

މި ބައްތިތަކަކީ ހިތަދޫ އެޅަދީދީ މަގު، ލިންކް ރޯޑު އަދި ކޮންވެންޝަން ސެންޓަރ ސަރަހައްދުގައި ޖަހާފައިވާ 150 ވަޓްސްގެ 156 ބައްތި އާއި، 75 ވަޓްސްގެ (ރޯޑު ޑެކަރޭޓިވް ލައިޓް 5 ބައްތީގެ) 45 ބައްތި އާއި، ހިތަދޫ ބަނދަރު އަދި ސްޓޭޑިއަމް ކުރިމަތީގައި ޖަހާފައިވާ 150 ވަޓްސްގެ 2 ކަފި 2 ބައްތީގެ 15 ބައްތި އާއި، ހިތަދޫގެ އެހެނިހެން މަގުތަކުގައި ހުރި 40 ވަޓްސްގެ 498 ހުޅިބުރި އެވެ. ހިތަދޫގެ މަގުމަތީ ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ތިން ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ވަރަށް އަވަހަށް މިމަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރޭގަނޑު މަގުތަކާއި ބަނދަރުތައް ދިއްލުމަށް މަރަދޫ އާއި މަރަދޫ ފޭދޫ ގައި 306 ބައްތި، ފޭދޫ ގައި 139 ބައްތި، ހުޅުމީދޫ ގައި 355 ބައްތި، ހިތަދޫގައި 804 ބައްތި އެބަހުއްޓެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ މަރަދޫ ބޮޑުމަގުގައި 150 ވަޓްގެ 47 ރޯޑު ލައިޓް ބެހެއްޓިފައިވެ އެވެ.

މުޅި އައްޑޫ ސިޓީގައި 150 ވޮޓްގެ 283 ރޯޑު ލައިޓާއި، އާއި 150 ވަޓްގެ 53 ދެކަފި ލައިޓް އާއި 40 ވަޓްގެ 1،112 ޓިއުބް ލައިޓް އެބަ ހުއްޓެވެ.