ގޭގައި ނަމާދު ކުރުމަށް އަޒުހަރު މިސްކިތުގެ އިމާމު މުޅިދުނިޔޭގެ މުސްލިމުންނަށް ގޮވާލައްވައިފިއެވެ.
މިސްރުގެ އަޒުހަރުގެ އިމާމު އަޙުމަދުޢްޠައްޔިބު ވިދާޅުވީ ރަމަޟާންމަހުގެ ރޯދަ ހިފާއިރު އަޅުކަން ކުރަން މިސްކިތުގައި ތިބެވޭގޮތް ނުވުމަކީ މުސްލިމުންނަށް ތަދާއި އުދާސް ލިބޭކަމެއްކަމަށް ވިޔަސް މި ވަގުތު އިސްކަންދޭންޖެހެނީ ގޭގައިތިބެ ނަމާދުކޮށް އަޅުކަން ކުރުމަށެވެ. ތަރާވީޙުނަމާދުވެސް ގޭގައި ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ޓީވީ މެސެޖެއްގައި އޭނާ ވިދާޅުވީ ރަމަޟާން މަސް މުސްލިމުންނާ މިފަހަރު ކުރިމަތިލީ ނުރައްކކާތެރި ދުވަސްވަރެއްގައި ނުރައްކާތެރި މާހައުލެއްގައި ކަމަށެވެ.
ކޮރޯނާވައިރަހުން ރައްކާތެރި ވުމުގެ ގޮތުން މިސްރުގެ މިސްކިތްތައް މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
އަޒުހަރުގެ އިމާމު އަޙުމަދުއްޠައްޔިބު ދުނިޔޭގެ މުސްލިމުންނަށް ގޮވާލެއްވީ ރޯދަހިފުމަކީ އިންސާނާގެ ދިފާއީ ބާރު ދެރަވާކަމެއްކަމަށް ދެކެވޭ ވާހަކަ ގަބޫލު ނުކޮށް ގަވައިދުން ރޯދަހިފަމުން ދިއުމަށެވެ. އަދި ރޯދައަށް ތިބުމަކީ ދިފާއީ ބާރުދަށްވާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮރޯނާވައިރަސް ޖެހިގެން މިސްރުން މިހާތަނަށް 290 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ބަލިޖެހިފައިވާ 4090 އަށްވުރެ ގިނަ މީހުން ގައުމުގައި އެބަތިއްބެވެ.
ދުނިޔޭގެ ހުރިހާގައުމެއްގައި ތިބި ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންވާ މުސްލިމުން ވަނީ ރަމަޟާންމަހުގެ ރޯދަހިފަންފަށާފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދެބިލިއަނެއްހާ މުސްލިމުން އުޅެމުން އެބަދެއެވެ.