Last Updated: June 9, 17:53
Tuesday, June 9, 2026
ސިޔާސީ

އީސީސީ ވަރަށް ފުރިހަމަ: މަންމޯހަން

މަންމޯހަން އާއި ނަޝީދު އީސީސީގައި ބޭއްވި ސާކް ސަމިޓްގެ ބައްދަލުވުމެެއްގައި. ފޮޓޯ/ ހަވީރު

ސަތާރަ ވަނަ ސާކް ސަމިޓް ބާއްވަން އައްޑޫގައި އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަކީ މި ސަރަހައްދުގައި ހެދިފައިވާ އެންމެ ފުރިހަމަ އެއް ކޮންވެންޝަން ސެންޓަރުކަން ފާހަގަ ކުރައްވައި، އެތަނަށް އިންޑިއާގެ ބޮޑު ވަޒީޒު މަންމޯހަން ސިންގް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޓޭޓް މުހައްމަދު ނަޝީދު އިންޑިއާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ސިންްގް އާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެމްޑީޕީން ބުންޏެވެ.

އައްޑޫގައި ނޮވެމްބަރު 10-11، 2011 ގައި ބޭއްވި ސާކް ސަމިޓްގައި ސިންގް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީސީސީ އަށް އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަމް ތައުރީފް ކުރެއްވި އިރު، އެތަނުގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފޭތީ އެއީ ދައުލަތުގެ ބަޖެޓް ކޮށްފައިވާ ބޭކާރު ހަރަދެެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

އެހެން ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ އިނގިރޭސިވިލާގެ ފެންވަރު ރަނގަޅު ޔުނިވަސިޓީއެއްގެ ކެމްޕަހެއް އީސީސީގައި ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ.

އެމްޑީޕީން ބުނީ ބޮޑު ވަޒީރާ ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙާއި، އިޤްތިޞާދީ ޙާލަތާއި އިންޑިޔާ އާއި ދިވެހި ރާއްޖޭގެ ގުޅުމާއި ގުޅޭ ގޮތުން ނަޝީދު މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި އިންޑިޔާ އާއި ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކޮށް އެގުޅުން މުސްތަޤްބަލުގައި ދަމަހައްޓަވައި ދެއްވާނެ ކަމުގައި ޔަޤީންކަން ނަޝީދު ބޮޑުވަޒީރަށް އެރުއްވި އެވެ. އަދި ހިލައާއި ހިލަވެލި އިންޑިޔާއިން ލިބުން ދަތިވުމުން ތަރައްޤީއާއި ގުޅިފައިވާ އެތައް މަސައްކަތްތަކެއް ހުއްޓިފައިވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިން ބޭސްފަރުވާ ކުރުމަށް އިންޑިޔާއަށް ދިއުމަށް ވިސާ ހޯދުމުގައި ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އަންނަ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދާ ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ އިންޑިޔާގެ އަބަދުވެސް އަމާޒަކީ ދިވެހި ރާއްޖޭގެ ތަރައްޤީ ކަމަށާއި އިންޑިޔާގެ އުއްމީދަކީ ދިވެހިންނަށް ފާގަތިކަން ލިބުން ކަމުގައެވެ.

އަދި ދިވެހިންގެ މިނިވަންކަމަށާއި ޤައުމިއްޔަތަށް އަބަދުވެސް އިންޑިޔާއިން އިޙްތިރާމަ ކުރާނެ ކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. މިނިވަން އިންސާފްވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ މުހިއްމު ކަމާ މެދު ވެސް މަޝްވަރާ ކުރެއްވި އެވެ.
ރިޔާސީ އިންތިޙާބަކީ ސުލްޙަވެރިކަމާއި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށާއި ފުލުހުންނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި ހިލައާއި ހިލަވެލި އަދި ވިސާ ހޯދުމުގައި ދިމާވެފައިވާ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.