ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރި އެމެރިކާއާއި އިޓަލީއާއި ސްޕޭނާއި އިނގިރޭސިވިލާތާއި ޗައިނާފަދަ ގައުމުތަކުން އެތައްހާސް ބަޔަކު މަރުވަމުންދާއިރު ކްރޯނާވައިރަހުގެ ސަބަބުން އެންމެ މީހަކު ވެސް މަރުނުވާ ޗައިނާގެ އަވައްޓެރިގައުމެއް އެބައޮތެވެ. އެއީ ވިއެޓުނާމެވެ.
"ވިއެޓުނާމުން ހަދައިގެން އުޅެނީ ކޮން ޖާދޫއެއް، އެގައުމުން ކޮރޯނާ ވައިރަހުގައި އެންމެ މީހަކު ވެސް މަރެއްނުވޭ." މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުއާލެކެވެ.
ކޮރޯނާވައިރަސް ފެތުރެންފެށީ ޗައިނާއިންނެވެ. ވިއެޓުނާމަކީ ޗައިނާގެ އަވަށްޓެރި ގައުމެކެވެ. ޗައިނާގެ ބާރައި ނުފޫޒު އޮންނަ ގައުމެކެވެ. އެކަމަކު 25 އޭޕްރީލްގެ ރިޕޯޓުތަކަށް ބަލާއިރުވެސް ވިއެޓުނާމުން ކޮރޯނާވައިރަސް ޖެހިގެން އެންމެ މީހަކުވެސް މަރެއްނުވެއެވެ. ބަލިޖެހިފައިވާ 270 މީހުން ގައުމުގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.
ވައިރަސް ފެތުރެންފެށި ދުވަސްވަރު ވިއެޓުނާމު ސަރުކާރުން ކަމާގުޅޭ ހޭލުންތެރިކަން ވަރަށް ބޮޑަށް ފަތުރައި އާއްމުން ހޭލުންތެރިކުރުވިއެވެ. ބައްޔާދެކޮޅަށް ނިކުތީ ހަނގުރާމައަކަށް ތައްޔާރުވާ ބީދައިންނެވެ. އެކަމަކު މިހާރު ވަނީ ހަރުކަށި އުސޫލުތަކަށް ލުއިދީފައެވެ. ސްކޫލްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ.
ކޮރޯނާވައިރަހުގައި ވިއެޓުނާމުން އަދި މިހާތަނަށް މީހަކު މަރުވެފައި ނެތުމުން ވިއެޓުނާމުން އެހާ ބޮޑު ކާމިޔާބީއެއް ހޯދީ ކޮން ޖަހަލަ މޮޑަލަކަށް ކަންތައް ކޮށްގެންތޯ ވަރަށް ގިނަ ބަޔަކު ދަނީ ސުއާލުކުރަމުންނެވެ.
ސަރަހައްދު ބަންދުކުރުން
ކޮރޯނާވައިރަސްގެ ފުރަތަމަ ބަލިމީހާ ވިއެޓުނާމުން ފެނުނީ ޖެނުއަރީ މަހުގެ ފަހު ހަފުތާ ތެރޭގައެވެ. އެހާހިސާބުން ފެށިގެން ވިއެޓުނާމުން ޗައިނާ ސަރަހައްދު މުޅިން އެއްކޮށް ބަންދުކުރިއެވެ. އޭގެއިތުރަށް ގައުމުގެ ބޮޑެތި އެއާރޕޯޓުތަކަށް ބޭރުން އަންނަ މީހުން ސްކްރީންކޮށް ބަލަންފެށިއެވެ.
ސަރުކާރުގެ އިސްފަރާތްތަކަށް ގަބޫލުކުރެވުނީ ކޮރޯނާވައިރަސް އެތެރެވާނީ ބޭރުންއަންނަ މީހުންގެ ފަރާތުންކަމަށެވެ. އެހެންވެ ބޭރުން އަންނަ ކޮންމެ މީހަކު ކަރަންޓީނުކުރަންފެށިއެވެ.
ކަރަންޓީނުކުރާ މީހުން ތިބޭ ހޮޓަލުގެ ބިލަށް ލާރިދައްކަމުންދިޔައީ ސަރުކާރުންނެވެ.
މާޗުމަހުގެ ފަހުކޮޅު ސަރުކާރުން އެޅި ފިޔަވަޅަކީ ބޭރުގައުމުތަކުގެ މީހުންނަށް ވިއެޓުނާމު ބަންދުކުރުމެވެ. ހަމައެއާއެކު ބޭރުގައުމުތަކުގައި ތިބި ގައުމުގެ މީހުންނާއި ގައުމާ ގުޅުންހުރި މީހުންނަށް ވެސް ވިއެޓުނާމު ބަންދުކުރިއެވެ.
ބައްޔަށް ޝައްކުކުރެވޭ މީހުން ހޯދުން
ކޮރޯނާވައިރަސް ޖެހުނު މީހުން އެކަހެރިކޮށް އެމީހުންނާ ބައްދަލުވި ހުރިހާ މީހުން ޓެސްޓުކުރުމުގެ ހަރުދަނާ ސިޔާސަތެއް ވިއެޓުނާމުން ދެމެހެއްޓިއެވެ. އަދި އަގުހެއުކޮށް ޓެސްޓު ކުރެވޭފަދަ ޓެސްޓު ކިޓެއް އުފެއްދިއެވެ. ނަތީޖާއަކަށްވީ ގިނަބަޔަކު ޓެސްޓު ކުރެވޭނޭ ނިޒާމެއް ގާއިމުވުމެވެ.
އުތުރު ކޮރޮއާއާއި ޖަރުމަނަށް ލިބިފައިވާ ތަނަވަސްކަމާއި ގިނަގުނަ ވަސީލަތްތަކެއް ވިއެޓުނާމަށް ލިބިފައެއްނެތެވެ.
ވަސީލަތްތަކުގެ މަދުކަމުން ވިއެޓުނާމުން ހޯދީ ޚަރަދުކުޑަ ގޮތެކެވެ. ވައިރަހަށް ޝައްކުކުރެވޭ މީހުން ބަލައި ގިނަ އަދަދަކަށް ހޯދައި އެމީހުން އެކަހެރިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. ބަލިޖެހިފައިވާ މީހުން އެކަހެރިކުރުމުގެ ހަރުދަނާ އިންތިޒާމުތަކެއްކުރިއެވެ.
ހޭލުންތެރިކަން އުފެއްދުން
ވިއެޓުނާމު ސަރުކާރުން ކޮރޯނާވައިރަހަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ހިންގިއެވެ. ވީޑިއޯ ކްލިޕްތައް ހަދައި، ދައްކައި ބޮޑެތި ޕޯސްޓަރތައް ހަދައި ހިއްޕައި ކޮރޯނާވައިރަހުން ރައްކާތެރިވެ ސަލާމަތްވާނޭގޮތް ރައްޔިތުންނނަށް ދަސްކޮށްދިނެވެ.
އާބާދީ މަދު، ވަސީލަތްތަކާއި ހަތިޔާރެއް ނެތް ވިއެޓުނާމުން ވަނީ އެމެރިކާއާ ދެކޮޅަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ބޮޑު ހަނގުރާމައެއްކޮށް ކާމިޔާބު ހޯދާފައެވެ. ކޮރޯނާވައިރަސް ގައުމަށް ކުރިމަތިވީހިނދު ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ހަނދާންކޮށްދީ ދަސްކޮށް ދިނީ ކޮރޯނާ ހަނގުރާމައިގެ މައްޗަށް ވެސް ކާމިޔާބު ހޯދޭނޭކަމެވެ. ބޮޑުވަޒީރު ގޮޔެން ޔުއަން ވިދާޅުވީ ކޮރޯނާ ވައިރަހާ ދެކޮޅަށް ދިގުދެމިގެންވާ ހަނގުރާމައަކަށް ތައްޔާރުވުމަށެވެ.
ނިއުސައުތު ވޭލްސް ޔުނިވަސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ ވިއެޓުނާނުގެ ރައްޔިތުންތިބީ ހޭލާކަމަށެވެ.
"އެއީ ހޭލުންތެރިބައެއް. ގައުމުގައި އޮތީ އެއްޕާޓީ ނިޒާމެއްގެ ވެރިކަން. ރައްޔިތުންނަކީ ހޭލުންތެރިބައެއް." އޭނާ ވިދާޅުވިއެވެ. "ފުލުހުންނާއި ސިފައިންނާއި ޕާޓީ ސިސްޓަމުގައި ހިމެނޭ މީހުން ތިބީ ސަރުކާރުގެ މަތީ ފަންތިން ނިންމާ ނިންމުން ތަސްދީގުކުރުމަށް ތައްޔާރަށް."
އެހެން ގައުމުތަކަށް މިކަން ކުރެވޭނެތަ؟
ބީބީސީ ވިއެޓްނާމް ސާވިސްގެ އެޑިޓަރެއް ކަމުގައިވާ ޖިޔާންގް ގޮޔަން ވިދާޅުވިގޮތުގައި ކާމިޔާބަށް ފަހުވެސް ވިއެޓުނާމު އޮތީ ހޭލައި ތައްޔާރަށެވެ. އަވަށްޓެރީންނަށް ދަނީ ފާރަލައި ބަލަމުންނެވެ. ކަރަންޓީނުކޮށް އެކަހެރިކުރެވޭ ފަރާތްތަކުގެ އަމަލުތަކަށް ދަނީ ކަޅިހިންގަމުންނެވެ.
ވިއެޓުނާމުން ކަންތައް ކުރި ގޮތުން ގައުމުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބުނެވެ. ވަރަށް ގިނަ ވިޔަފާރި ބަންދުކުރަންޖެހުނެވެ.
އެމެރިކާއަށާއި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކަށާއި އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ވިއެޓުނނާމް އެއާރލައިންގެ ދަތުރުތައް ހުއްޓާލުމުން އެއާރލައިންނަށް މިލިއަންމިލިއަން ޑޮލަރގެ ގެއްލުމެއް ލިބުނެވެ.
ރަށްރަށުގެ ހާލަތު ކިހިނެއް؟
ކޮރޯނާވައިރަސް ކޮންޓްރޯލުކުރަން ކަރަންޓީނުކުރުމުގެ ކަންތައްތައް ވިއެޓުނާމުން ގެންދިޔައީ ކާމިޔާބު ގޮތަކަށެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް ދަތި އުދަގުލާ ކުރިމަތިވިއެވެ. އެކި ސަރަހައްދުތަކުގެ ކައުންސިލްތަކުން އެޅި ފިޔަވަޅުތަކާއި ސަލާމަތީ ބާރުތަކުގެ އިންތިޒާމުތަކާ ގުޅިގެން ކަރަންޓީނުކަންތައް ވަރަށް ކާމިޔާބެވެ.
އެކަމަކު ޔޫރަޕާއި އެހެން ބައްރުތަކުގެ ގިނަ ގައުމުތައް ހެދިހެން ވިއެޓުނާމުން މުޅިގައުމު ފުރަބަންދެއް ނުކުރެއެވެ. ވެރިރަށް ހަނޯއީ އާއި އެހެން ބޮޑެތި ރަށްރަށުގައި ފުރަބަންދުކުރަން ތައްޔާރުކުރުމުގެ ގޮތުން އެޅި ފިޔަވަޅުތައް ވަނީ ނައްތާލާފައެވެ. ނަމަވެސް ތިން ސަރަހައްދެއްގައި ވަނީ ބޭރަށް ނިކުމެއުޅުން މަނާކޮށްފައެވެ. އެ ސަރަހައްދުތަކުގައި 450000 ހާހެއްހަ މީހުން ވަނީ ބަންދާ ކުރިމަތިލާންޖެހިފައެވެ.
ސިފައިންނާއި ފުލުހުން ދަނީ އެސަރަހައްދު ބަލަހައްޓަމުންވެ. އެއްވެސް މީހަކު ބޭރަކަށް ނުނިކުމެއެވެ.
ކޮރޯނާވައިރަހުން ސަލާމަތްވާން އަޅަންޖެހެނީ ހަމައެކަނި ސަރުކާރުން ބުނާ ފިޔަވަޅުތަކެއްނޫނެވެ. ސަރުކާރާއި އާއްމުންނާއި ސިއްހީ ޚިދުމަތްތެރީންނަށް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ކޮރޯނާ ވައިރަހުން ގައުމާއި ރައްޔިތުން ސަލާމަތް ކުރެވިދާނެއެވެ. އާބާދީ 9.7 މިލިއަން މީހުން ހިމެނޭ ވިއެޓުނާމުގެ ރައްޔިތުން ދެއްކީ އޭގެ ލާމަސީލު މިސާލެކެވެ.