Last Updated: July 3, 13:55
Thursday, July 3, 2025
ދުނިޔެ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ފަރާތެއް ސައުދީގެ ޖަލެއްގައި މަރުވެއްޖެ

ސަޢުދީ އަރަބިޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބަޠަލެއްގެ ގޮތުގައި ސިފަކުރާ ޑޮކްޓަރ ޢަބްދުﷲ އަލް ޙާމިދު ސަޢޫދީ ޖަލެއްގައި މަރުވެއްޖެއެވެ.

ސަޢޫދީ ޢަރަބިޔާގެ އާއްމު ރައްޔިތުންނާއި ސިޔާސީ ހައްގުތަކާ ގުޅޭ މީހުންނަށްޓަކައި މަސައްކަތް ކުރާ "ސައޫދީ ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އެސޯސިއޭޝަން"ގެ ބާނީ ޢަބްދުﷲ އަލް ޙާމިދު މަރުވީ ސްޓްރޯކެއްޖެހި ކޯމާއެއްގައި އޮންނަވަނިކޮށްނެވެ. ގަބޫލުކުރެވޭގޮތުގައި އޭނާ މަރުވީ މީގެ ދެދުވަހެއް ކުރިންނެވެ.

ޑރ. ޢަބްދުﷲއަށް ކޯޓުން 10 އަހަރުގެ ޖަލު ޙުކުމެއް ކުރީ 2013 ގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ޑރ. ޢަބްދުﷲ ޖަލުން ދޫކޮށްލުމަށް އެދެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާ އަވަހާރަވި ޚަބަރު ފެތުރިފައި ވިޔަސް އެއީ ތެދެއްކަން ނުވަތަ ދޮގެއްކަން ވެސް ސަރުކާރުން އަންގާފައެއްނުވެއެވެ.

އުމުރުފުޅުން 69 އަހަރުފުޅުވީ ޢަބްދުﷲ އަލް ޙާމިދު އާއެކު ގައުމުގެ މަޝްހޫރު ބޭފުޅެއްކަމުގައިވާ މުޙައްމަދުލްޤަޙުޠާނީއަށް ވެސް 11 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ.

ސަޢުދީ ކޯޓަކުން އެ ދެބޭފުޅުންނަށް ބޮޑު ހުކުމެއްކުރީ ސަރުކާރާއި ރައްޔިތުންނާ ޖައްސަން މަސައްކަތް ކުރައްވާ ކަމަށާއި ގައުމުގައި ފިތުނަ އުފައްދަން މަސައްކަތް ކުރައްވާކަމަށް ބުނެއެވެ.

ޑރ. ޢަބްދުﷲ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރެއްވުމުގެ ގޮތުން އުފެއްދެވި ޖަމުއިއްޔާ ވެސް ސަރުކާރުން ވަނީ އުވާލާފައެވެ.

އިންސާނީ ހައްގުތަކަށް ސައުދީ އަރަބިޔާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި ޑރ. ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތާ ދެހަފުތާއެއްހާ ދުވަސްވެއްޖެއެވެ. އެކަމަކު ސަރުކާރުން ޑރ. ޢަބުދުﷲ އަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުކުރެއެވެ.

ސަޢުދީ އަރަބިޔާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ. އެ ގައުމަކީ ޚިޔާލުފާޅުކޮށް ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާ މީހުން ޖަލަށްލައި ބަންދުކޮށް އަނިޔާކޮށް ހެދުމުގެ ހުތުރު ރެކޯޑެއް އޮތް ގައުމެކެވެ.

ސަޢުދީގެ ރަސްކަމުގެ އާރާއި ބާރު ސަލްމާނު ރަސްގެފާނާއި އޭނާގެ ދަރިފުޅު މުޙައްމަދު ބޭނުން ކުރައްވަމުން ގެންދަވަނީ ވަރަށް ޚުދުމުޚުތާރު އަނިޔާވެރި ގޮތެއްގައިކަމަށް ބުނެ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.