Last Updated: July 3, 14:17
Thursday, July 3, 2025
ދުނިޔެ

ހަރުފައިގެ ހަމާއި ކިނބުލުގެ ހަމުން މާސްކު ހަދަން ފަށައިފި

އެމެރިކާގެ ފޮލޮރިޑާގެ ކުންފުންޏަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަރުފައިގެ ހަމުން މާސްކު ހަދަން ފަށައިފިއެވެ. އެކަމަކު ބައެއްފަރާތްތަކުން ބުނާ ގޮތުގައި އެ މާސްކަކީ އެހާ ރައްކާތެރި މާސްކެއްނޫނެވެ. އެހެންވެ އެ މާސްކު ބޭނުންކުރަންޖެހޭނީ ފެޝަން މާސްކެއްގެ ގޮތުގައެވެ.

ކޮރޯނާވައިރަހާ ގުޅިގެން މުޅިދުނިޔޭގެ ހުރިހާ ގައުމަކަށް ފޭސް މާސްކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ގައުމުތަކުގެ މީހުން ބޭނުންވާވަރަށް މާސްކު ނުލިބިގެންވެސް އެބައުޅެއެވެ.

ދުނިޔޭގެ ވަރަށްގިނަ ކުންފުނިތަކުންނާއި އަމިއްލަ މީސްމީހުން ދަނީ މާސްކު ހަދައި ފެހުމުގެ މަސައްކަތް ކުރަމުންނެވެ. ހަމަޔަގީނުން ވިކޭ އެއްޗަކަށް ވާތީއެވެ.

އެއްބަޔަކު އެކި ގޮތްގޮތަށް ފަރުމާކޮށްގެން މާސްކު ހަދަމުންދާއިރު އަނެއްބަޔަކު ދަނީ ފޭސް ޝީލްޑް ހަދަމުންނެވެ. މާބޮޑަށް ރައްކާތެރި އެއްޗެއްކަމަށް އަޑުއަރުވަމުންނެވެ.

އޯލް އެމެރިކަން ގޭޓަރ ކުންފުންޏަކީ ކޮރޯނާ ވައިރަސްފެތުރުމުގެ ކުރިން ވެސް ހަރުފަ ހަމާއި ކިނބޫ ހަމުން ތަފާތު ތަކެތި އުފައްދާ ކުންފުންޏެކެވެ. ކޮރޯނާވައިރަސް ފަތުއަޑުކިޔާފައި ފެތުރެން ފެށުމުން ވިޔަފާރި އުސޫލުން މާސްކު ހަދައި ވިއްކަންފެށީއެވެ. އެ މާސްކުތަކުގައި އެން 95 މާސްކުގައި ހުންނަ ގޮތަށް ފިލްޓަރއެއްވެސް ހަރުކޮށްފައި ހުރެއެވެ.

ކޮރޯނާވައިރަސް ދެމި އޮންނާނީ ކިހާދުވަހަކަށްކަން ބުނެދޭކަށް ނޭނގެއެވެ. ކަން އެހެން އޮތުމުން އެކިވައްތަރުގެ މާސްކު އެކި މީހުން ދަނީ ހޯދަމުންނެވެ. އެންމެ ރައްކާތެރީ ކޮންކަހަލަ މާސްކެއް ކަން ބަލަނީ މަދު މީހެކެވެ. ވަރަށް ގިނަ ބަޔަކު ފެޝަން މާސްކަށް ލޯބިކުރެއެވެ.

ގޭޓަރ ކުންފުނިން ހަރުފައިގެ ހަމުން ހަދާފައި ހުންނަ މާސްކެއް 95 ޑޮލަރަށް ވިއްކާއިރު ކިނބޫ ހަމުން ހަދާފައިވާ މާސްކެއް ވިއްކަނީ 120 ޑޮލަރަށެވެ.