އައްޑޫ ސިޓީގެ މަގުތައް ބަރާބަރަށް އާއްމުން ބޭނުންވާ ގޮތަށް ދިއްލުމަށް ކައުންސިލުން މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ އިރު ބައްތި ދިއްލާފައި ވަނީ ކިހިނެއްތޯ ބަލާލަމާ ހިނގާށެވެ.
އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު މަގުގެ ބައެއް ބައްތި ތަކާއި، ކޮންވެންޝަން ސެންޓަރުގެ ވަށައިގެން ޖަހާފައިވާ ބޮކި ތައް ދިއްލާފައި ހުންނަނީ ދުވާލު ގަޑީގަ އެވެ. އަދި ރޭގަނޑު މި ބައްތި ތައް ތިބެނީ ނިވިފަ އެެވެ.
ކައުންސިލުގެ ބެލުމުގެ ދަށުގައި ތިބި ބައްތިތައް ބެލެހެއްޓުމަށް ބޮޑު އަދަދެއްގެ ރައްޔިތުންގެ ފައިސާ ހޭދަކޮށްފައިވާ އިރު އޭގެ ތެރޭގައި ބޭކާރުވި ބޮޑު ބައެއްވާ ކަމަށް ގަބޫލް ކުރަން ޖެހެ އެވެ.
ދުވާލު ގަނޑިތަކުގައި ބައްތިތައް ދިއްލިފައި ހުރީ އޭގައި ހަރުކޮށްފައި ހުރި ސްވިޗެއްގެ މައްސަލާގައި ކަމަަށް ވެފައި އެކަން ހައްލު ކުރުމަށް ކައުންސިލަށް މިހާތަނަށް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަ ކުރެވެ އެވެ.
ހިތަދޫގައި މިހާރު އެންމެ ގިނައިން މީހުން ކަސްރަތު ކުރަންދާ އެއް ސަރަހައްދަކީ ކޮންވެންޝަން ސެންޓަރުގެ ވަށައިގެންވާ ސަރަހައްދެވެ. އެތަނަށް ދާ ގިނަ މީހުންގެ ޝަކުވާ އަކީ ރޭގަނޑު ބައްތިތައް ނިވިފައި ހުރުމުގެ ޝަކުވާ އެވެ. އަދި ދުވާލު ގަޑީގައި ބައްތިތައް ދިއްލުމުގެ ސަބަބުން އިސްރާފްވެ ބޭކާރުވެގެންދާ ކަރަންޓްގެ މައްސަލަ އެވެ.
ކައުންސިލުގެ ބެލުމުގެ ދަށުގައި ތިބި ބައްތިތައް ބަރާބަރަށް ދިއްލޭތޯ ބަލައި ރޭގަނޑު ގަޑީގައި އެ ބައްތިތައް ދިއްލުމަކީ ލާމަރުކަޒީ ގާނޫން ކައުންސިލަށް ލާޒިމް ކުރާ ކަމެއް ކަން ގަބޫލްކޮށް މިހާރު ދުވާލު ގަނޑީގައި ދިއްލި ފައި ހުންނަ ބައްތި ތައް މަރާމާތު ކުރެވިއްޖެނަމަ މިހާރު ހިނގި ހަރަދު ކުޑަވެގެން ދާނެ އެވެ. އަދި އެންމެ ފުރިހަމަ ގޮތުގައި ބައްތި ތަކުގެ ފައިދާ އާއްމުންނަށް ކުރާނެ އެވެ.
ކައުންސިލުން ބުނެފައިވަނީ 2011 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން މަގުބައްތި ބަލަހައްޓައި ދިއްލުމަށް 597،180.00 ރުފިޔާ ހޭދަކޮށްފައިވާ އިރު 2012 ވަނަ އަހަރުވެސް ހަމަ އެދަދަށް ކައުންސިލުން ވަނީ ހޭދަކޮށްފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމުގެ ޚިދުމަތް ދެއްވުމަށް ޖުމްލަ 1،194،360.00 ރުފިޔާ ކައުންސިލުން ހޭދަކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ހުރި ބައްތި ދިއްލައިގެން މިދިޔަ ޖޫން މަހު ކަރަންޓް ބިލަށް 304،503.33 ރުފިޔާ (ތިން ލައްކަ ހަތަރު ހާސް ފައްސަތޭކަ ތިން ރުފިޔާ ތިރީސް ތިން ލާރި) އަރާފައިވާ އިރު އެވްރެޖްކޮށް އަހަރަކު 3.6 މިލިއަން ރުފިޔާ މަގު ބައްތީގެ ކަރަންޓް ބިލަށް ކައުންސިލުން ދައްކަން ޖެހެ އެވެ.
އެހެން ކަމުން ކަރަންޓް ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކައުންސިލުން ހޯދަން ޖެހެ އެވެ.
އަދި ކޮންޓްރެކްޓަ އުސޫލުން 5 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ހޭދައެެއް ކުރާ އިރު ބައްތިތައް ބަރާބަރަށް މަރާމާތު ކުރެވި ބޭކާރު އިސްރާފް ކަަރަންޓް ހަރަދު ނުވާނެ ގޮތަށް ހަދަން ޖެހެ އެވެ.
އެކަމަށް ކައުންސިލުން ވިސްނާނެކަން ޔަޤީނެވެ.